ރިޕަބްލިކަން ޕާޓީއަށް އިންތިޚާބުގައި ކުރިމަތިވި ނާކާމިޔާބީއާ ގުޅިގެން ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު އާއި ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ މަގާމުން ވަކިވާން އުޅޭކަމަށް ދެކެވޭ ވާހަކަތައް ވައިޓް ހައުސްއިން ދޮގުކޮށްފި އެވެ.

އެމެރިކާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އީރާނު ހަނގުރާމަ ކުރިއަށްގެންދިޔަ ގޮތާމެދު ހިތްހަމަނުޖެހުން ފާޅުކޮށް، ހެގްސެތު މަގާމުން ވަކިކުރުމަށް ދަނީ ގޮވާލަމުންނެވެ. ރިޕަބްލިކަން ޕާޓީއަށް އިންތިހާބުގައި ލިބުނު ބޮޑު ނާކާމިޔާބީގެ ޒިންމާ އަޅުވަނީ އެ ހަނގުރާމައިގެ ބޯމަތީގަ އެވެ.

މަގާމުން ވަކިވާ ރިޕަބްލިކަން ކޮންގްރެސް މެންބަރަކު ވަނީ އަންނަ ހަފުތާގެ ކުރީކޮޅު ހެގްސެތުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް މަސައްކަތް ކުރާނެ ކަމުގެ އިންޒާރު ދީފަ އެވެ. މިކަމާ ގުޅިގެން ހެގްސެތު ނެރުއްވި ވީޑިއޯ ބަޔާނެއްގައި އޭނާގެ މަސައްކަތް ދިފާއުކުރައްވައި، އޭނާ މަގާމުން ވަކިކުރަން ކުރާ މަސައްކަތް ކުށްވެރިކުރެއްވި އެވެ.

"އަހަރެމެންނަކީ ނަތީޖާ ނެރޭ ބަޔަކަށްވާތީ އެމީހުން އަހަރެމެންނަށް ހަމަލާދެނީ. އެކަމެއް ކާމިޔާބެއް ނުވާނެ. އަހަރެމެން ފަހަތަކަށް ނުޖެހޭނަން،" ހެގްސެތު ވިދާޅުވި އެވެ.

މީގެއިތުރުން، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށްޓަކައި ރޫބިއޯ މަގާމުން ވަކިވާން އުޅޭކަމަށް ދެކެވޭ ވާހަކަތައް އޭނާވެސް ވަނީ ދޮގުކުރައްވާފަ އެވެ. ނިއުޔޯކް ޓައިމްސްއަށް ދެއްވި އިންޓަވިއުއެއްގައި ރޫބިއޯ ވިދާޅުވީ، ޓްރަމްޕްގެ ދައުރު ނިމެންދެން މަގާމުގައި ދެމިހުރުމަކީ އަބަދުވެސް އޭނާގެ ރޭވުން ކަމަށެވެ.

"އަހަރެން މިކުރާ މަސައްކަތްދެކެ ލޯބިވޭ. އަދި އަހަރެން މަގާމުން ވަކިވާން އުޅޭ ކަމަށް ބުނުމުން ހިނި އާދޭ،" ރޫބިއޯ ވިދާޅުވި އެވެ. ވައިޓް ހައުސްއާއި ސްޓޭޓް ޑިޕާޓްމަންޓުންވެސް ވަނީ ރޫބިއޯ މަގާމުން ވަކިވާން އުޅޭ ކަމަށް ބުނާ ހަބަރުތަކަކީ "ފޭކް ނިއުސް" ކަމަށް ބުނެފަ އެވެ.

ނަމަވެސް، ޑިފެންސް ސެކްރެޓަރީ ހެގްސެތުގެ ސިޔާސީ މުސްތަގުބަލާ މެދު ވަނީ ސުވާލު އުފެދިފަ އެވެ. ޓްރަމްޕާއި ނައިބު ރައީސް ޖޭޑީ ވެންސް ގަބޫލުކުރައްވާ ގޮތުގައި، ކޮންގްރެސްގެ ދެ މަޖިލީހުގެ ފުރިހަމަ ކޮންޓްރޯލް ރިޕަބްލިކަން ޕާޓީއަށް ގެއްލުނީ އީރާނު ހަނގުރާމައިގެ ސަބަބުންނެވެ.

އޭބީސީ ނިއުސްއަށް ދެއްވި ފޯނު އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވީ ހެގްސެތުއާ ގުޅޭގޮތުން ޝަކުވާތައް ލިބެމުންދާ ކަމަށެވެ. އެހެންނަމަވެސް، އޭނާ މަގާމުގައި ބެހެއްޓުމުގެ ފުރިހަމަ ނިޔަތް އެބައޮތް ކަމަށް ވިދާޅުވި އެވެ. ފަހުން ވައިޓް ހައުސްގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ ހެގްސެތު ކުރައްވަނީ ފުރިހަމަ މަސައްކަތެއް ކަމަށާއި، ވެނެޒުއޭލާގެ ލީޑަރު ނިކޮލަސް މަޑޫރޯ ހައްޔަރުކުރުމާއި އީރާނު ހަނގުރާމައިގައި އޭނާ ހޯއްދެވި ކާމިޔާބީތައް ފާހަގަކުރެއްވި އެވެ.

ވޮޝިންޓަން ޕޯސްޓުން ރިޕޯޓްކުރި ގޮތުގައި، ޖޮއިންޓް ޗީފްސް އޮފް ސްޓާފްގެ ޗެއާމަން ޖެނެރަލް ޑޭން ކޭން ނުވަތަ ސެންޓްކޮމްގެ ވެރިޔާ އެޑްމިރަލް ބްރެޑް ކޫޕާ މަގާމުން ވަކިކުރުމަށް ޓްރަމްޕް ވިސްނަވަމުން އެބަގެންދަވަ އެވެ. މި ދެ ބޭފުޅުންނަކީ އަށް މަސް ދުވަސްވީ ހަނގުރާމައިގައި އިރުޝާދު ދިނުމުގައި މުހިންމު ދައުރެއް އަދާކުރެއްވި ބޭފުޅުންނެވެ.

މިދަނޑިވަޅުގައި، ޓްރަމްޕަށް ވަރަށް ބޮޑަށް ފާޑުވިދާޅުވާ ރިޕަބްލިކަން މެންބަރު ތޯމަސް މާސީ ވިދާޅުވީ، ހެގްސެތު މަގާމުން ވަކިކުރުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށެވެ. އަންނަ ހަފުތާގެ ކުރީކޮޅު އެ މައްސަލަ ހުށަހަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ޖެނުއަރީ މަހު ޑިމޮކްރެޓުންގެ އަޣުލަބިއްޔަތު އޮންނަ ކޮންގްރެސްއެއް އައުމުގެ ކުރިން ހެގްސެތުގެ ބަދަލުގައި އެހެން ބޭފުޅަކު އައްޔަންކުރުމަށް ޓްރަމްޕަށް އޭނާ ވަނީ އިލްތިމާސްކުރައްވާފަ އެވެ.

މީގެއިތުރުން، ޓެނެސީގެ ސެނެޓް ގޮނޑިއަކަށް ވާދަކުރުމަށް ހެގްސެތު ޝައުގުވެރިވާ ކަމުގެ އަޑުތަކެއްވެސް ވަނީ ފެތުރިފަ އެވެ. ހެގްސެތު ނެރުއްވި ބަޔާނުގައި، އޭނާގެ މައްޗަށް ހުށަހަޅާ އިތުބާރު ނެތްކަމުގެ މައްސަލައަކީ އަސާސެއް ނެތް ކަމެއްގެ ގޮތުގައި ސިފަކުރެއްވި އެވެ. އަދި އޭނާގެ އިރުޝާދުގެ ދަށުން އަސްކަރިއްޔާއަށް މީހުން އިތުރުކުރުމާއި، ދިފާއީ ސިނާއަތް ވަރުގަދަކުރުން ފަދަ ޓްރަމްޕްގެ "އެމެރިކާ ފަސްޓް" އެޖެންޑާގެ ދަށުން ހާސިލްކޮށްފައިވާ ކާމިޔާބީތައް ފާހަގަކުރެއްވި އެވެ.

ޑިމޮކްރެޓުންނާ ބެހޭގޮތުން ހެގްސެތު ވިދާޅުވީ، އެމީހުންގެ ސިޔާސަތުތައް ފޭލްވެފައިވާ ކަމަށާއި، އެހެންކަމުން އެމީހުން މަސައްކަތް ކުރަނީ ސިޔާސީ ގޮތުން އިދިކޮޅު ފަރާތްތައް ހަލާކުކޮށްލުމަށް ކަމަށެވެ.