އިންޑިއާއަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުގައި 56 މީހަކު މަރުވެފައިވާއިރު، ނޭޕާލުން 14 މީހަކު މަރުވެ 11 މީހަކު ގެއްލިއްޖެ އެވެ. އަދި ކުރިއަށް އޮތް ވަގުތުތަކުގައި ކުއްލި ފެންބޮޑުވުމުގެ ހާދިސާތައް އިތުރުވުން އެކަށީގެންވާ ކަމަށް ނޭޕާލުގެ ކަމާބެހޭ ފަރާތްތަކުން އާދީއްތަ ދުވަހު ވަނީ އިންޒާރު ދީފަ އެވެ.
އިންޑިއާގެ އުއްތަރު ޕްރަދޭޝް ސްޓޭޓުގެ ރިލީފް ކޮމިޝަނަރު ރިޝީކޭޝް ބާސްކަރް ޔަޝޯދު ވިދާޅުވި ގޮތުގައި، ސެޕްޓެމްބަރު 25 އިން 27 ގެ ނިޔަލަށް އެ ސްޓޭޓަށް ވަނީ 66.5 މިލިމީޓަރުގެ ވާރޭ ވެހިފަ އެވެ. މިއީ އެ މުއްދަތުގައި އާންމުކޮށް ވެހޭ 7.6 މިލިމީޓަރާ އަޅާބަލާއިރު ވަރަށް ބޮޑު އިތުރުވުމެކެވެ.
ފެންބޮޑުވެފައިވާ ސަރަހައްދުތަކުގައި މީހުން ސަލާމަތްކުރުމާއި އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ކުރަމުންދާއިރު، ދަނޑުބިންތަކަށް ލިބުނު ގެއްލުންތައް ބަލައި ބަދަލު ދިނުމުގެ މަސައްކަތް ކުރުމަށް އޮފިޝަލުންނަށް ވަނީ އަންގާފަ އެވެ. މި ހާދިސާތަކުގައި 56 މީހުން މަރުވުމުގެ އިތުރުން 46 މީހަކަށް އެކިވަރުގެ އަނިޔާ ލިބި، 1،000 އަށްވުރެ ގިނަ ގެދޮރަށް ވަނީ ގެއްލުން ލިބިފަ އެވެ.
ނޭޕާލުގެ 77 ޑިސްޓްރިކްޓުގެ ތެރެއިން 49 ސަރަހައްދެއްގައި ކުއްލި ފެންބޮޑުވުމުގެ ބިރު އޮތްކަމަށް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ވަނީ ބުނެފަ އެވެ. ބޮޑެތި ކޯރުތަކުގެ ފެންގަނޑު އުފުލެމުންދާތީ، އޭގެ ތެރެއިން ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ ސަރަހައްދުތަކަށް އޮތީ ނުރައްކާތެރި ހާލަތެއްގަ އެވެ.
މިދިޔަ މަހު ހިނގި ފެންބޮޑުވުމުގެ ހާދިސާތަކުގައި 1,450 އަށްވުރެ ގިނަ މީހުން މަރުވެ، އެތައް ހާސް ބަޔަކު ގެއްލިފައިވާ ރަސޫއާ އަދި ނުވަކޮޓް ސަރަހައްދުގެ ރައްޔިތުން ސަމާލުވެ ތިބުމަށް ނޭޕާލުގެ ކާރިސާތަކާ ބެހޭ އިދާރާއިން ވަނީ އިލްތިމާސްކޮށްފަ އެވެ.
މީގެ އިތުރުން، މަނަންގް، މުސްތަންގް، މިއަގްދީ އަދި ބަގްލުންގް ޑިސްޓްރިކްޓްތަކުން ކަރަންޓުގެ ހިދުމަތް މެދުކަނޑިފައިވާތީ، އެ ހިދުމަތް އަލުން އިއާދަކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ރަހުގަންގާ ކޯރު ބޮޑުވުމުގެ ސަބަބުން 40 މެގަވޮޓްގެ ހައިޑްރޯޕަވާ މަޝްރޫއެއްގެ އޮނިގަނޑަށާއި ޓްރާންސްމިޝަން ޓަވަރުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ނޭޕާލުގެ ހަކަތައާ ބެހޭ ވަޒީރު ބިރާޖް ބަކްތާ ޝްރެސްތާ ވިދާޅުވި އެވެ.
އިންޑިއާގެ ސެންޓްރަލް ވޯޓާ ކޮމިޝަނުން ހާމަކުރި ގޮތުގައި، ހަތް ސްޓޭޓެއްގެ 30 ކޯރެއްގެ ހާލަތު ވަނީ ނުރައްކާތެރި މިންވަރަކަށް ގޮސްފަ އެވެ. މީގެ ތެރޭގައި ގަންގާ، ގަންޑަކް، ކޯސީ، ބާގްމަތީ އަދި ނަރުމަދާ ފަދަ ބޮޑެތި ކޯރުތައް ހިމެނެ އެވެ.
ނޭޕާލުގެ ބައެއް ސަރަހައްދުތަކުގައި މުވާސަލާތީ ހިދުމަތްތަކަށް ވެސް ވަނީ ބުރޫއަރާފަ އެވެ. އަދި އުތުރުގެ މަނަންގް ޑިސްޓްރިކްޓްގައި ހުންނަ ހިމްލުންގް ހިމާލް ފަރުބަދައިގެ ބޭސް ކޭމްޕްގައި މަސައްކަތް ކުރަމުންދިޔަ 10 މަސައްކަތްތެރިން ވަނީ ގެއްލިފަ އެވެ.
ރަސްމާލެ ދިން ޔޫއޭއީ ކުންފުނީގެ ނޫސްބަޔާން ބަދަލުކޮށްފި
ނުރަސްމީ ދަތުރުފުޅެއްގައި ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް
ފައިމަގުގައި ބްރިޖް ހުރަސްކޮށް ހުޅުލެ އާއި ހުޅުމާލެއަށް ނުދެވޭނެ
