އެމެރިކާ ޑޮލަރުގެ ތާށިކަން ބޮޑުވެފައިވާ ދުވަސްވަރެއްގައި މަގުތަކުން 20 ޑޮލަރުގެ ކޮޕީ ނޫޓްތަކެއް ފެނުމުން ފުރަތަމަވެސް ހިޔާލަށް ގެނެވުނީ ސިޔާސީ ހަރަކާތެއް ފެށެނީ ކަމަށެވެ.

މުޒާހަރާއެއް ނުވަތަ އެނޫންވެސް އެފަދަ ހަރަކާތެއްކަމަށެވެ. އެކަމަކު މިއީ " ކީއްވެ؟" އަޅާ ކަރުދާސްތަކެއްކަން އެނގުނީ އިތުރު ގޮތްގޮތަށް ބާލާ ހޯދުމުންނެވެ.

މިއީ ސްލޭމް ސްޓޫޑިއޯ އާއި ސެޓާން ސްޓޫޑިއޯ، ނޫރު އެން މޫވީސް،އަދި ކިޑް ޕްރޮޑަކްޝަން ގުޅިގެން ނެރޭ "ކީއްވެ؟" އެވެ.

"މިއީ ފިލްމުގެ ނަން ރިވީލް ކުރުން. ފިލްމަށް މި ކިޔަނީ "ކީއްވެ"." ފިލްމް ޕްރޮޑިއުސްކުރާ ޕާޓްނަރުންގެ ތެރެއިން ކިޑް ޕްރޮޑަކްޝަންގެ ވެރިޔާ ހުސެން މުނައްވަރު ބުންޏެވެ.

އަސްލަމް ރަޝީދު ޕްރޮޑިއުސްކުރާ މި ފިލްމުގެ ޑައިރެކްޓަރަކީ ތަޖުރިބާކާރު ޑައިރެކްޓަރު އީސާ ޝަރީފެވެ. އަދި އެގްޒެކްޓިވް ޕްރޮޑިއުސަރުންނަކީ ހުސައިން ނޫރައްދީންއާއި ޢަލީ ޝާނިޒްގެ އިތުރުން ހުސައިން މުނައްވަރު (ކިޑު) އެވެ.

ވަރުގަދަ 4 ސްޓޫޑިއޯ ގުޅިގެން ގެނެސްދޭ މި ފިލްމުގެ މާ ގިނަ މައުލޫމާތެއް ފިލްމުގެ ޓީމުން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.

ނޮވެމްބަރު 25 ގައި އޮލިމްޕަހުގައި ޕްރިމިއާކުރާ މި ފިލްމުގެ ޝޫޓިން މި އަހަރުގެ ކުރީކޮޅު ވަނީ ނިންމާފަ އެވެ.