އިންސާނުންނަކީ އިޖުތިމާއީ ގުޅުންތަކަށް ބަރޯސާވާ ބައެކެވެ. ނަމަވެސް، އަވަސް އަދި ބުރަ ދިރިއުޅުމުގެ ސަބަބުން މިއަދު ގިނަ މީހުންނަށް ކެއުންބުއިމުގެ ކަންކަން ކުރިއަށް ގެންދެވޭނީ އެކަނި މާ އެކަނި، ފޯނަށް ނުވަތަ ޓީވީއަށް ގެއްލިފައި ތިބެގެންނެވެ.
ސައިންސްވެރިންނާއި ނަފްސާނީ މާހިރުން ފާހަގަކުރާ ގޮތުގައި، އެހެން މީހުންނާއެކު (އާއިލާ ނުވަތަ ރައްޓެހިންނާއެކު) އެއް ސުފުރާ މަތިން ބައްދަލުވެ އެކުގައި ކެއުމަކީ ހަމައެކަނި ބަނޑުފުރާލުމަށް ކުރެވޭ ކަމެއް ނޫނެވެ. މިއީ ސިކުނޑީގެ ދުޅަހެޔޮކަމަށާއި ނަފްސާނީ ހަމަޖެހުމަށް ވަރަށް ބޮޑު ފައިދާއެއް ކުރާ ކަމެކެވެ.
ސިކުނޑިއަށް ކުރާ ފައިދާތައް
އެކުގައި ކެއުމުގެ ތެރޭގައި ދެކެވޭ ވާހަކަތަކާއި، ކުރެވޭ އިހުސާސްތަކުގެ ސަބަބުން ސިކުނޑީގެ އެކި ބައިތައް ހަރަކާތްތެރި ވެގެންދެ އެވެ
- އުފާވެރިކަން ދޭ ހޯމޯންތައް އިތުރުވުން: އެހެން މީހުންނާއެކު ލާމެހި، ވާހަކަ ދައްކައިގެން ކެއުމުގެ ތެރެއިން ސިކުނޑިން "އޮކްސިޓޯސިން" އަދި "ޑޯޕަމީން" ފަދަ ހޯމޯންތައް އުފައްދައިދެ އެވެ. މިއީ ނުތަނަވަސްކަމާއި ފިކުރުތައް ކުޑަކޮށްދީ، ހިތްހަމަޖެހުން ހޯދައިދޭ މާއްދާ ތަކެކެވެ.
- އެކަނިވެރިކަން ދުރު ކޮށްދިނުން: އެކަނި އިންނަން ޖެހުމުގެ ސަބަބުން ސިކުނޑިއަށް ކުރިމަތިވާ "ސްޓްރެސް" ކުޑަކޮށް، މީހާގެ އިޖުތިމާއީ ގުޅުންތައް ވަރުގަދަ ކޮށްދެ އެވެ.
- ކެއުމުގެ އާދަތައް ރަނގަޅުވުން: އެކުގައި ކާއިރު އަނެއް މީހާއާ ވާހަކައްކަމުން މަޑުމަޑުން ކެއުމުން، ސިކުނޑިއަށް ބަނޑު ފުރުނުކަމުގެ އިޝާރާތް ލިބެން ވަގުތު ލިބެ އެވެ. މީގެ ސަބަބުން މާގިނައިން ކެވުމުން ރައްކާތެރި ކޮށްދެ އެވެ.
އާއިލާއާއި ކުޑަކުދިންނަށް ލިބޭ ފައިދާ
ކުޑަކުދިންނާއެކު ގަވާއިދުން އާއިލީ ސުފުރާތަކުގައި ކެއުން ކުރިއަށް ގެންދިއުމަކީ އެކުދިންގެ ސިކުނޑި އާލާވުމަށް ލިބޭ ވަރަށް ބޮޑު ބާރެކެވެ.
އެކުގައި ކެއުމުގެ ތެރެއިން ދެކެވޭ ވާހަކަތަކުން ކުދިންގެ ބަސްކޮށާރު މުއްސަނދިވެ، އިޖުތިމާއީ އަޚުލާގާއި، އަނެކުންގެ ވާހަކަ އަޑުއެހުމުގެ އާދަ އަށަގަނެ އެވެ
މީގެ އިތުރުން، އާއިލާގެ އެކުވެރިކަން ބަދަހިވެ، ދުވަހުގެ ތެރޭގައި ދިމާވި ކަންކަން ހިއްސާކުރުމުގެ ރައްކާތެރި މާހައުލެއް ކުދިންނަށް ލިބިގެންދެ އެވެ.
ދިރިއުޅުމަށް ގެނެވިދާނެ ބަދަލުތައް
ކިތަންމެ ބުރަކޮށް އުޅުނު ކަމުގައި ވިޔަސް، ސިކުނޑީގެ ހަމަޖެހުމަށްޓަކައި އެކުގައި ކެއުމުގެ އާދަ އަލުން އަށަގަންނެވިދާނެ އެވެ.
- ކޮންމެ ދުވަހަކު މަދުވެގެން އެއް ފަހަރު އެކުގައި ކެއުން: ދުވަހުގެ ކޮންމެވެސް އެއް ކެއުމެއް (މިސާލަކަށް ރޭގަނޑުގެ ކެއުން) އާއިލާ ނުވަތަ ގާތް މީހުންނާއެކު ހޭދަ ކުރުން.
- ފޯނާއި ޓީވީ ދުރު ކޮށްލުން: ކާގަޑީގައި ސުފުރާ މަތީގައި ފޯނު ބޭނުން ނުކުރުމަށް އާދަ ކުރުން.
- އޮފީހުގެ ބްރޭކްތައް އެކުގައި ހޭދަ ކުރުން: މަސައްކަތުގެ މާހައުލުގައި ވެސް އެކަނި އިނދެ ކެއުމުގެ ބަދަލުގައި އެކުވެރިންނާއެކު ކާގޭގައި ވަގުތު ހޭދަ ކުރުން.
އެހެންކަމުން، އެކުގައި ކެއުމަކީ ހަމައެކަނި އިޖުތިމާއީ ކަމެއް ނޫނެވެ. މިއީ ސިކުނޑީގެ ސިއްހަތާއި ނަފްސާނީ ދުޅަހެޔޮކަން މަތީގައި ބެހެއްޓުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ މުހިންމު ކަމެކެވެ.