ރިސޯޓަށް ބޮޑުތަނުން ފައިދާވަމުންދާއިރު ވެސް މުވައްޒަފުންނަށް ސާވިސްޗާޖް ނުދޭތީ ކޮކޯޕާމް ބޮޑުހިތި ރިސޯޓްގެ މުވައްޒަފުން ކަންބޮޑުވުންފާޅުކޮށްފި އެވެ.

ކޮކޯ ޕާމް ބޮޑު ހިތި ރިސޯޓުގެ މުވައްޒަފުން ނެރުނު ބަޔާނެއްގައި، ވަނީ ނުދައްކައި ހުރި ސާވިސް ޗާޖު ދެއްކުމަށް އެ ރިސޯޓް ހިންގާ ސަންލޭންޑުގެ ޑިރެކްޓަރުންނާއި ކަމާބެހޭ އިދާރާތަކަށް ގޮވާލައިފަ އެވެ.

މުވައްޒަފުން ވަނީ އެ ފަރާތްތަކުގެ ކަންބޮޑުވުންތައް ސަންލޭންޑް ކުންފުނީގެ ޑިރެކްޓަރުން ކަމަށްވާ ޝަބީރު އަހުމަދާއި ހުސައިން ހިލްމީގެ ސަމާލުކަމަށް ގެނެސްފަ އެވެ.

ރިސޯޓުގައި މަސައްކަތްކުރާ މުވައްޒަފުންގެ ހައްގުތައް ކަށަވަރުކުރުމަށް ގޮވާލައި ނެރުނު އެ ބަޔާނުގައި ވަނީ މި އަހަރުގެ ޖުލައި، އޯގަސްޓް އަދި ސެޕްޓެމްބަރު މަހުގެ ސާވިސް ޗާޖު މުވައްޒަފުންނަށް ލިބިފައިނުވާ ކަމަށެވެ. އަދި ފާއިތުވި ދެ މަހު ރިސޯޓުގެ އޮކިއުޕެންސީ %100 ގައި ހުރި ނަމަވެސް، މުވައްޒަފުންނަށް ސާވިސް ޗާޖު ލިބިފައިނުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް މުވައްޒަފުން ބުންޏެވެ.

ރިސޯޓުގައި މަސައްކަތްކުރާ 350 މުވައްޒަފުންގެ ތެރެއިން ދިވެހީންގެ އަދަދަކީ 50 އަށް ވުރެ މަދު އަދަދެކެވެ. މީގެ އިތުރުން ރިސޯޓުގައި ހުއްދަ ނުނަގައި އިމާރާތްތަކެއް ކުރުމާއި ގަސްގަހާގެހި ކެނޑި މައްސަލަ ބެލުމަށް ވެސް އެ ބަޔާނުގައި ކަމާބެހޭ ފަރާތްތަކަށް ވަނީ ގޮވާލާފަ އެވެ.

މި މައްސަލަތައް އިންސާފުވެރިކަމާއެކު ތަހުގީގު ކުރުމަށް ޓޫރިޒަމް މިނިސްޓްރީއާއި ހިއުމަން ރައިޓްސް ކޮމިޝަނާއި ފުލުހުންނާއި ކަމާބެހޭ އެހެނިހެން އިދާރާތަކަށް މުވައްޒަފުން ވަނީ ގޮވާލާފަ އެވެ.