އޮސްޓްރޭލިއާ މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝަން (އަމްފާ) އާއި "ދަ ރީޑިންގ ރޫމް" ގުޅިގެން، ބައިނަލްއަގްވާމީ ލިޔަންކިޔަން ދަތުމުގެ ދުވަހާއި ބައިނަލްއަގްވާމީ އަންހެން ކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކ. ގުރައިދޫ ސްކޫލުގައި ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފި އެވެ.

މި ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވަނީ ގުރައިދޫ ސްކޫލުގެ މެންދުރުކުރީ ދަންފަޅީގަ އެވެ. މި ހަރަކާތްތަކަށް އެ ސްކޫލުގެ ފަރާތުން ބޮޑު ތަރުހީބެއް ވަނީ ލިބިފަ އެވެ.

ގްރޭޑް 1 އިން 10 އަށް ތަޢުލީމު ފޯރުކޮށްދޭ، ޖުމްލަ 248 ދަރިވަރުން ކިޔަވަމުންދާ ގުރައިދޫ ސްކޫލުގައި ބޭއްވި މި ހަރަކާތުގައި ގްރޭޑް 3 އާއި ގްރޭޑް 9 އާ ދެމެދުގެ ހުރިހާ ދަރިވަރުން ބައިވެރިވި އެވެ.

މި ހަރަކާތްތަކުގެ ތެރެއިން ބައިނަލްއަގްވާމީ އަންހެން ކުދިންގެ ދުވަސް ފާހަގަކުރުމުގެ ހަރަކާތް ޝަރަފުވެރިކޮށްދެއްވީ ރާއްޖޭގައި ހުންނަ އޮސްޓްރޭލިއާގެ ހައިކޮމިޝަނުގެ ސެކަންޑް ސެކްރެޓަރީ ސާޝާ މެކްގިލަން އެވެ.

ސާޝާ މެކްގިލަންގެ ވާހަކަފުޅުގައި، ބައިނަލްއަގްވާމީ އަންހެން ކުދިންގެ ދުވަސް ފާހަގަކުރަން އދ. އިން ނިންމި ސަބަބުތަކުގެ މައްޗަށް އަލިއަޅުއްވާލެއްވި އެވެ. އަދި އަންހެން ކުދިންގެ ހައްގުތަކުގެ މައްޗަށް ފުޅާދާއިރާއެއްގައި ވާހަކަފުޅުދެއްކެވި އެވެ.

މީގެއިތުރުން، އޮސްޓްރޭލިއާގެ ޑިޕާޓްމަންޓް އޮފް ފޮރިން އެފެއާޒް އެންޑް ޓްރޭޑް (ޑީއެފްއޭޓީ) ގައި ސާޝާ މެކްގިލަން އަދާކުރައްވަމުން ގެންދަވާ ޑިޕްލޮމެޓިކް ކެރިއަރާއި އެ ދާއިރާގެ ތަޖުރިބާތައް ދަރިވަރުންނާ ހިއްސާކުރެއްވި އެވެ.

ބައިނަލްއަގްވާމީ ލިޔަންކިޔަން ދަތުމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން "ދަ ރީޑިންގ ރޫމް" އިން ވަނީ ފޮތްކިޔުމުގެ ޝައުގުވެރިކަން އާލާކުރުމުގެ މަގްސަދުގައި ދަރިވަރުން ބައިވެރިކޮށްގެން ވާހަކަ ކިޔުމުގެ ސެޝަންތަކެއް ކުރިއަށް ގެންގޮސްފަ އެވެ. މި ސެޝަންތައް އަމާޒުކުރެވުނީ ގްރޭޑް 3 އިން ފެށިގެން ގްރޭޑް 7 ގެ ދަރިވަރުންނަށެވެ.

އަމްފާއިން ބުނިގޮތުގައި ގުރައިދޫ ސްކޫލުގައި ހިންގި ހަރަކާތްތަކުގެ ސަބަބުން ދަރިވަރުންގެ މައުލޫމާތު މުއްސަދިވެ، އެ ކުދިންގެ ހޭލުންތެރިކަން ވަރަށް ބޮޑަށް އިތުރުވެގެންދިޔަ އެވެ. އަދި މިއަދުގެ ހަރަކާތްތަކަކީ ވަރަށް ކާމިޔާބު ހަރަކާތްތަކެއްގެ ގޮތުގައި އެ ޖަމްޢިއްޔާއިން ފާހަގަކުރެ އެވެ.