ޕާކިސްތާނާއެކު އަސްކަރީ ގުޅުން ފުޅާކުރުމަކީ ރާއްޖެއަށް ނުރައްކާވާނެ ކަމެއް ކަމަށް ވިދާޅުވެ، ކުރީގެ ރައީސް އަދި އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ، ރައީސް މުއިއްޒުގެ ސިޔާސަތުތަކުގެ ސަބަބުން ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ދަނީ ގެއްލެމުން ކަމަށެވެ. އަދި ސަރަހައްދީ ގޮތުން ވާދަވެރި ގައުމުތަކުގެ ދެބަސްވުންތަކުގެ ތެރެއަށް ރާއްޖެ ވަދެގެން ނުވާނެ ކަމަށް ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވީ، ޕާކިސްތާނާއެކު އަސްކަރީ ގުޅުންތައް ފުޅާކުރުމަކީ އިންޑިއާގެ ކަންބޮޑުވުން އިތުރުވެ، ރާއްޖޭގެ ސަލާމަތަށް ނުރައްކާވާނެ ކަމެއް ކަމަށެވެ.
ރައީސް ނަޝީދު މިފަދައިން ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، ދެ ގައުމުގެ ދެމެދުގައި އަސްކަރީ ގޮތުން ގުޅުން ބަދަހިކުރުމުގެ ފަހުމުނާމާ (އެމްއޯޔޫ) އެއްގައި ސޮއިކޮށްފައި ވަނިކޮށެވެ.
އިންޑިއާއާއި ޕާކިސްތާނަކީ 1947 ވަނަ އަހަރު ވަކިވިފަހުން، ކަޝްމީރުގެ ސަރަހައްދީ މައްސަލައާ ހުރެ ސިޔާސީ ނުތަނަވަސްކަމާއި އަސްކަރީ ކުރިމަތިލުންތައް ތަކުރާރުވަމުން އަންނަ ދެ ގައުމެވެ.
ކަން މިހެން އޮތްއިރު، އިންޑިއާއަކީ ރާއްޖެއާ އެންމެ ގާތް ގުޅުމެއް ބާއްވަމުން އަންނަ އަދި ރާއްޖެއަށް އެކި ކަންކަމުގައި ބޮޑެތި އެހީތައް ފޯރުކޮށްދެމުންދާ ގައުމެކެވެ.
ރައީސް މުއިއްޒު ޕާކިސްތާނަށް ކުރެއްވި މި ދަތުރުފުޅަކީ ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި ރާއްޖޭގެ ރައީސަކު އެ ގައުމަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. ދެ ގައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށް ކުރެއްވި މި ދަތުރުފުޅުގައި، 20 ދާއިރާއަކުން އެމްއޯޔޫތަކުގައި ސޮއިކޮށްފައިވެ އެވެ. އަދި ދެ ގައުމުގެ ދެމެދުގައި ކުރާ ވިޔަފާރި 13 މިލިއަން ޑޮލަރުން 200 މިލިއަން ޑޮލަރަށް އިތުރުކުރުމަށްވެސް ވަނީ ނިންމާފަ އެވެ.
އެމެރިކާގެ ޑޭޓާ ސެންޓަރުތަކަށް ހަމަލާދޭނެކަމުގެ އިންޒާރު
އީރާނުން އުޅެނީ އިންތިހާބަށް ތެލުގެ އަގު އުފުލަން: ޓްރަމްޕް
"ކްލިފް ބޫތު"ގެ އާ ޓީޒާގައި ތަފާތު އެކްޝަން މަންޒަރު ތަކެއް!
ރާއްޖެ އާއި ޕާކިސްތާނުގެ ވިޔަފާރީގެ މުއާމަލާތް އިތުރުކުރަނީ
ރައީސް މުއިއްޒު ޕާކިސްތާނަށް ފުރާވަޑައިގެންފި
ރައީސް މުއިއްޒު ފާކިސްތާނަށް، 12 އެއްބަސްވުމުގައި ސޮއިކުރައްވާނެ