މާލޭގައި އާންމުންނަށް އުނދަގޫކުރާ މައްސަލައެއް ހައްލުނުވެގެން ކުރިއަށްގެންދިޔަ ބަނޑުހައިހޫނުކަމުގެ ހަޅުތާލަކާ ގުޅިގެން ހައްޔަރުކުރި އަހްމަދު ފައިރިޝް، ފުލުހުންގެ ބެލުމުގެ ދަށުން ކ. ހިންމަފުށީގައި ހުންނަ ރިހެބިލިޓޭޝަން ސެންޓަރަށް ފަރުވާއަށް ބަދަލުކޮށްފައިވަނިކޮށް މިއަދު މެންދުރުފަހުގެ ވަގުތެއްގައި ފިލައިފި އެވެ.
ފުލުހުން މިއަދު ބުނީ އުމުރުން 43 އަހަރުގެ ފައިރިޝް ފިލާފައިވަނީ ހިންމަފުށީގައި ހުންނަ ނޭޝަނަލް ޑްރަގު އޭޖެންސީގެ ފަރުވާދޭ މަރުކަޒުގައި ހުއްޓާ ކަމަށެވެ. އެ މައްސަލައާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ވަނީ ފަށައިފަ އެވެ.
ފައިރިޝް ހައްޔަރުކޮށްފައިވަނީ ބިރުދެއްކުމާއި، މުދަލަށް ގެއްލުންދިނުމާއި، މާރާމާރީ ހިންގުމުގެ އިތުރުން ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅުމުގެ ތުހުމަތުގަ އެވެ. އެ މައްސަލައިގައި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އޮކްޓޯބަރު 18 ވަނަ ދުވަހު ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހައިދީފަ އެވެ.
މީހުންނަށް އާންމު އުނދަގޫކުރާ މައްސަލައެއް ފުލުހުންނަށް ހުށަހެޅިތާ ދޮޅު އަހަރު ވީއިރުވެސް ހައްލުވެފައިނުވާތީ، ޒިންމާދާރު މަގާމެއް ފުރުއްވާ މުހައްމަދު ސައީދު ވަނީ އެ ކަމާ އިހުތިޖާޖުކުރުމުގެ ގޮތުން ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރިއަށްގެންގޮސްފަ އެވެ. ފައިރިޝް ހައްޔަރުކުރީ އެ ހަޅުތާލާ ގުޅިގެންނެވެ.
ފުލުހުން މީގެ ކުރިން ބުނެފައިވަނީ ފައިރިޝަކީ ބަންދުގެ ރެކޯޑު އޮތް، އަދި ވަރަށް ފަހުންވެސް ބަންދުގައި ބެހެއްޓުމަށްފަހު ދޫކޮށްލި މީހެއް ކަމަށެވެ.
"ސައްލަން ބައި ރިފޫ"ދިވެހި މީރު ރަހަތަކެއް!
ޖުމައްޔިލްއަށް ކުރި ދައުވާ ލުއިކޮށްފި
ޕީނަޓް ބަޓާއަކީ ފައިދާ ހުރި ލުއި ކާނާއެއް!
