މެދުއީރުމަތީގައި ހަނގުރާމައިގެ ނުވަތަނަވަސްކަން އިންތިހާއަށް ބޮޑުވެ، މަޝްރަހު އިތުރަށް ގޯސްވެދާނެ ކަމުގެ ބިރު ބޮޑުވެފައިވަނިކޮށް، އީރާނުން ކުރިއަރާފައިވާ ނުރައްކާތެރި ހަތިޔާރު އުފުލުމާއި ފޮނުވުން ހުއްޓުވުމަށްޓަކައި އެމެރިކާއިން ހާއްސަ ޓާސްކް ފޯހެއް އިއުލާނުކޮށްފި އެވެ.
"ޓާސްކް ފޯސް އައިރަން ގޭޓް" ގެ ނަމުގައި އެމެރިކާގެ ވޮޝިންގޓަނުން އިއުލާނުކުރި މި ހާއްސަ އިދާރާއަކީ އީރާނުން ސަރަހައްދީ ހަނގުރާމަވެރި ޖަމާއަތްތަކަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ކުރިއަރާފައިވާ ހަތިޔާރާއި ވަސީލަތްތައް ފޯރުކޮށްދިނުން ހުއްޓުވުމަށް އަމާޒުކޮށްގެން އުފެއްދި ޓާސްކް ފޯހެކެވެ.
މި ޓާސްކް ފޯސްގެ މައިގަނޑު މަގުސަދަކީ ވަޔާއި ކަނޑުގެ މަގުން އީރާނުން ކުރިއަށްދާ ހަތިޔާރުގެ ޝިޕްމަންޓްތައް އިންޓަސެޕްޓްކޮށް ހުއްޓުވުމެވެ. އެގޮތުން ކަނޑުގެ ސަރަހައްދުތަކާއި ވައިގެ މަގުތައް ބަލަހައްޓައި، ގައްޒާއާއި ލުބުނާން އަދި ޔަމަން ފަދަ ސަރަހައްދުތަކަށް އީރާނުގެ މިސައިލާއި ޑްރޯން ފަދަ ޒަމާނީ ހަތިޔާރުތައް ފޯރުކޮށްދޭ ނެޓްވޯކްތައް ހުއްޓުވުމަށް ޒަމާނީ ވަސީލަތްތަކާއެކު އޮޕަރޭޝަންތައް ހިންގުމަށް ވަނީ ހަމަޖެހިފަ އެވެ.
އެމެރިކާގެ ދިފާއީ އިދާރާތަކުން ހާމަކުރާ ގޮތުގައި، "ޓާސްކް ފޯސް އައިރަން ގޭޓް" ގެ ސަބަބުން ސަރަހައްދީ ސަލާމަތާއި މަސްލަހަތު ރައްކާތެރިކުރުމަށް އެމެރިކާއިން ކުރާ މަސައްކަތްތައް އިތުރަށް ވަރުގަދަވެ، އީރާނުގެ ނުފޫޒު ކުޑަކުރުމަށް އެޅޭ މުހިންމު ފިޔަވަޅަކަށް މިކަން ވެގެންދާނެ އެވެ.
މިއާއެކު އީރާނާއި އެމެރިކާއާ ދެމެދު އޮތް އަސްކަރީ ނުވަތަނަވަސްކަން އިތުރު ހަރުފަތަކަށް ގޮސްފައިވާއިރު، މި ޓާސްކް ފޯސްގެ އޮޕަރޭޝަންތަކާއެކު ސަރަހައްދީ މަޝްރަހަށް އަންނާނެ ބަދަލުތަކަށް ބައިނަލްއަގުވާމީ ދުނިޔެއިން ދަނީ ފާރަވެރިވަމުންނެވެ.
ފަރީދަށް އިއްވި މަރުގެ ހުކުމް ސުޕްރީމް ކޯޓުން ދަމަހައްޓައިފި
ޝާހިދު ގްރޫޕުން ބޭރުކޮށްލީ ފޯނު ފުލުހުން ނެގުމުން: އެމްޑީޕީ
އެމެރިކާއިން އީރާނުގެ ބައެއް އަމާޒުތަކަށް ހަމަލާތަކެއް ދީފި