ބޭންކުތަކުން ލޯނު ދޫކުރާ އެންމެ މަތީ އުމުރު 75 އަހަރަށް ވުރެ އިތުރުކޮށްދިނުމަށް ގައުމީ ބޭންކު (ބީއެމްއެލް) އަދި ފިނޭންސް މިނިސްޓްރީގައި ވެސް އެދިވަޑައިގެންފައިވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާ، ޕީއެސްއެމް އިން ގެނެސްދިން "ރައްޔިތުންގެ އަޑު" ޕްރޮގްރާމުގައި، އުމުރުން ދުވަސްވީ މީހަކު ފާޅުކުރި ކަންބޮޑުވުމަކަށް ޖަވާބު ދެއްވަމުންނެވެ. އެ ޕްރޮގްރާމުގައި ވާހަކަދެއްކި އާންމު ރައްޔިތަކު ވަނީ، މުސްކުޅިވިޔަސް ޒުވާންވިޔަސް އަޖަލު ހަމަވުމުން މަރުވާނެ ކަމަށާއި، މުދާ ނުވަތަ ގެދޮރު މޯގޭޖުކޮށްފައި އުމުރުން ދުވަސްވީ މީހުންނަށް ވެސް ލޯނު ލިބޭނެ ފަސޭހަ އިންތިޒާމެއް ހަމަޖައްސައިދިނުމަށް އެދިފަ އެވެ.

އެ ރައްޔިތުމީހާގެ ވާހަކަތަކަށް ތާއީދުކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ، ދިވެހިންގެ ދިރިއުޅުމުގެ އެވަރެޖު އުމުރު ކުރިއާ އަޅާބަލާއިރު މިހާރު އިތުރުވެފައިވާ ކަމަށެވެ. އަދި މީގެކުރިން ބޭންކުތަކުން ލޯނު ދޫކުރަމުން އައީ 60 އަހަރާ ހަމައަށް ކަމަށް ވުމުން، އެ އުސޫލަށް ބަދަލު ގެނައުމަށް ފިނޭންސް މިނިސްޓްރީއާއި ބޭންކުގައި އެދިވަޑައިގެންނެވި ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް މިފަދައިން ވިދާޅުވެފައިވާއިރު، ބޭންކް އޮފް މޯލްޑިވްސް އިން ވަނީ މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި އެ ބޭންކުގެ ބައެއް ލޯނުތައް ދެއްކޭނެ އެންމެ މަތީ އުމުރަކީ 75 އަހަރު ކަމުގައި ކަނޑައަޅައި، އެ ބަދަލު ގެނެސްފަ އެވެ.