އޮސްޓްރޭލިއާގެ ބަޔޯޓޭކް ކުންފުންޏެއް ކަމަށްވާ އީނާ ރެސްޕިރޭޓަރީ އިން އުފައްދާ ނޭސަލް ސްޕްރޭ އިން ޖަނަވާރުންގެ ހަށިގަނޑުގައި ކޮރޯނާވައިރަސް އިތުރުވުން ހުއްޓުވައިދޭ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

މި ނޭސަލް ސްޕްރޭ އަކީ އިންސާނުންގެ ދިފާއީ ނިޒާމު ވައިރަހާއި އެހެނިހެން ބަލި ޖައްސާ ޖަރާސީމާ ދެކޮޅަށް ވަރުގަދަ ކޮށްދިނުމަށް ޓަކައި އުފައްދާ ސްޕްރޭ އެކެވެ.

ފެރެޓްސް ނަމަކަށް ކިޔާ މި ޖަނަވާރަށް ދެވުނު މި ޕްރޮޑަކްޓްގައި އައިއެންއެންއޭ- 051 ހިމެނޭ އިރު މިއީ ވެކްސިން އުފެއްދުމަށް ވެސް ބޭނުންކުރެވިދާނެ މާއްދާ އެކެވެ. މި ނޭސަލް ސްޕްރޭގެ ސަބަބުން ކޮވިޑް-19 ޖައްސާ ވައިރަހުގެ 96 އިންސައްތަ "މަރުވާ" ކަމަށް އެ ބޭސް އުފެއްދި ކުންފުނިން ވަނީ ހާމަކޮށްފަ އެވެ. މި ދިރާސާ ކުރިއަށް ގެންދިއުމުގައި އިސްކޮށް ހަރަކާތްތެރިވެފައިވަނީ ބްރިޓިޝް ގަވަމެންޓް އެޖެންސީ ޕަބްލިކް ހެލްތު އިންގްލޭންޑުންނެވެ.

އީނާ ރެސްޕިރޭޓާރީގެ މެނޭޖިން ޑިރެކްޓަ ޑރ، ކްރިސްޓޮފީ ޑިމައިސަން ވިދާޅުވި ގޮތުގައި މި ފަރުވާގެ އިފެކްޓިވްކަމުން ބޮޑު ހިތްހަމަޖެހުމެއް ލިބިފައިވެ އެވެ. އަދި ފެރެޓްސްގެ ހަށިގަނޑުގައި ގުދުރަތީ ދިފާއީ ބާރު އުފައްދާ ކޮރޯނާވައިރަހުގެ އަސަރު ބޮޑުތަނުން ދަށް ކުރެވުމަކީ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި އޭނާ ވަނީ ސިފަ ކޮށްދީފަ އެވެ.

"މި ފަރުވާ އިންސާނުންގެ ހަށިގަނޑުގައި މަސައްކަތް ކޮށްފިއްޔާ މިއީ ބޮޑު ކާމިޔާބީއަަށް ވާނެ،" ޑރ ކްރިޓޮފީ ވިދާޅުވި އެވެ.

އޭނަާ އިތުރަށް ވިދާޅުވި ގޮތުގައި މި ފަރުވާ އިންސާނުންނަށް ޓެސްޓް ކުރުމުިގެ ކްލިނިކަލް ޓެސްޓްތައް ކުރިއަށް މިއޮތް ހަތަރު މަސްދުވަހުގެ ތެރޭގައި ފަށަން ތައްޔާރުވަމުން ދާ ކަމަށެވެ.