ކޮވިޑްގެ ހާލަތު ރާއްޖޭގައި ގޯސްވަމުން ދާތީ ރާއްޖެއިން ޕާކިސްތާނަށް ދަތުރުކުރުން ޕާކިސްތާން ސަރުކާރުން މަނާކޮށްފި އެވެ.

ޕާކިސްތާނުގެ ސަރުކާރުން ރާއްޖެއިން ޕާކިސްތާނަށް ދަތުރުކުރުން މަނާކުރީ މުއްދަތެއް ނެތް ގޮތަށެވެ.

ޓޫރިޒަމް މިނިސްޓްރީން އިއްޔެ ނެރުނު ސާކިއުލާއެއްގައި ބުނެފައިވަނީ ކޮވިޑްގެ ހާލަތު އެންމެ ގޯސް ގައުމުތަކުގެ ކެޓަގަރީގައި، ޕާކިސްތާނުން ރާއްޖެ ހިމަނައިފައިވާ ކަމަށެވެ. އެއީ "ސީ" ކެޓަގަރީ އެވެ.

އެ ކެޓަގަރީގައި ރާއްޖެއާއެކު ސްރީލަންކާ، އިންޑިއާ ވެސް އޮތީ ހިމަނާފަ އެވެ.އެހެންކަމުން މާދަމާއިން ފެށިގެން ރާއްޖެއިން ޕާކިސްތާނަށް ދަތުރު ނުކުރެވޭނެ ކަމަށް ކަނޑައަޅާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެ އެވެ. އެ ނޫންގޮތަކަށް ޕާކިސްތާނަށް ދެވޭނީ އެ ގައުމުގެ ވަކި ހާއްސަ ކޮމިޓީއަކުން ހުއްދަ ދިނުމުންނެވެ.

ރާއްޖޭގައި ތިބި ޕާކިސްތާނުގެ ރައްޔިތުންނަށް އަދިވެސް ގައުމަށް އެނބުރި ދެވޭނެ ކަމަށް ޕާކިސްތާނުން ވަނީ ބުނެފަ އެވެ. މުޅި ރާއްޖެއަށް ކޮވިޑް ފެތުރިފައިވާއިރު މީހުން ދިރިއުޅޭ 70 ރަށެއް މިހާރު ވެސް އޮތީ މޮނިޓަރިންގަ އެވެ. ކޮވިޑްގެ ހާލަތު މިއިން ދުވަހަކު ގޯސް ނުވާ ވަރަށް ރާއްޖޭގައި ގޯސްވެ ކޮންމެ ދުވަހަކު ޕޮޒިޓިވްވާ މިންވަރު އުޅެނީ ހާހުން މަތީގަ އެވެ. އަދި މަރުވާ މީހުންގެ އަދަދު ވަނީ ކަންބޮޑުވާ ދަރަޖައަށް އުފުލިފަ އެވެ.