އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނަތުގެ އިސް ލީޑަރެއް ކަމަށްވާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލް ޣަފޫރު މައާފަށް އެދި ތައުބާ ވެއްޖެކަމަށް ވިދާޅުވެއްޖެ އެވެ.

އަދީބު މިފަދައިން ވިދާޅުވީ އޭނާގެ މައްޗަށް އުފުލާފައިވާ ހަތް ދައުވާއާ ގުޅިގެން ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގަ އެވެ.

އަދީބު ވިދާޅުވީ އޭނާ ކިޔައިނުދިންނަމަ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައުލޫމާތުތައް ދައުލަތަށް ނޭނގޭނެ ކަމަށެވެ. އަދި އެ މައުލޫމާތުތައް ހިއްސާކުރީ އިސް ވާޖިބެއް ކަމުގައި ދެކިގެން ކަމަށް ވިދާޅުވެ، އިންސާފުވެރި ނިޔާއެއް ކަނޑައަޅައިދިނުމަށް އަދީބު އެދިވަޑައިގަތެވެ.

ޚިޔާނާތުގެ ކުށަށް ތައުބާވީ ޖަލުގައި އޮންނެވިއިރު ކަމަށާއި އެކަން ކުރެވުނު ކަމަށްޓަކައި ދިވެހި ރައްޔިތުންނާއި ދައުލަތުގެ ކިބައިން މައާފަށް އެދިވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިއަދުގެ އަޑުއެހުމުގައި އަދީބު ވަނީ ދައުލަތުން އުފުލި ހަތް ދައުވާއަށް ވެސް އިއުތިރާފުވެވަޑައިގެންފަ އެވެ. ދައުލަތާއެކު ހެދި އެއްބަސްވުމާ އެއްގޮތަށް ދައުވާތަކަށް އަދީބު އިއުތިރާފުވެފައިވާތީ، ދެ ފަރާތުން އިއުތިރާޒު ނުކުރާ ނަމަ، އަވަސް ނިޔާއިން މައްސަލަ ނިންމާނެ ކަމަށް ގާޒީ ހަސަން ސައީދު ވިދާޅުވި އެވެ.

ދައުލަތުގެ ފަރާތުން އެކަމަށް އިއުތިރާޒެއް ކުރެއެވެ. އަދީބު މިހާރު ބޭނުންވަނީ ދައުލަތާ އެކު ހެދި އިއުތިރާފު އެއްބަސްވުމުގައިވާ އަދަބުތަކަށް ވުރެ ކުޑަ އަދަބުތަކެއް ޝަރީއަތުން ކަނޑައަޅައިދިނުމަށެވެ. އެކަމާ ގުޅޭގޮތުން ދައުލަތާ މަޝްވަރާ ކުރުމަށް ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ.