ދަޝްރަތު މަންޖީ އޭނާގެ ކޯރާޑި ހިފައިގެން ގޮސް ކުރިމަތީގައި އޮތް ބިޔަ ފަރުބަދަ ކަނޑަން ފެށިއިރު އޭނާ އެކުރަން ފެށީ ކިހާވަރެއްގެ މަސައްކަތެއްކަން ޚުދު އޭނާއަށް ވެސް އެނގޭ ހެނެއް ހިއެއް ނުވެ އެވެ. އެނގޭހާ ވެސް ކަމަކީ އޭނާ ކޯރާޑި ނެގުގުމުގެ ފަހަތުގައި ވަނީ ހިތާމަޔާއި ހިތްދަތި ކަމުން ފުރިގެންވާ ހާދިސާއެއްކަމެވެ. ހަމަ އެއާއެކު އޭނާ އެ ކުރިމަތިލަނީ އިންސާނުންގެ ފުރާނައާ ގުޅިފައިވާ ޒަރޫރީ ވާޖިބެއް އަދާކުރަން ކަމެވެ. 1959 ވަނަ އަހަރު އެ ފަރުބަދައިގެ އުސް ކުންނެއްގެ ނުރައްކާތެރި މަގަކުން ދަނިކޮށް ކަހާލައިގެން ވެއްޓި އޭނާގެ އަންހެނުން މަރުވުމުން ހިތް ހަލާކުވެފައި ހުރި ދަޝްރަތު މަންޖީ ނިންމީ ފަސޭހައިން ހިނގޭ ފަދަ މަގެއް ހެދުމަށެވެ. އޭނާގެ ކޯރާޑި ނަގަން ޖެނު ހިސާބަކީ އެއީ އެވެ.
ޖޫން 14، 1929 ވަނަ އަހަރު އިންޑިއާގެ ގެހްލައުރް ކިޔާ އަވަށަކަށް އުފަންވި ދަޝްރަތު މަންޖީއަކީ އިންޑިޔާގައި އޮންނަ ކާސްޓް ސިސްޓަމުގެ ތެރެއިން އެންމެ ދަށް ކާސްޓަށް ނިސްބަތްވާ މީހެކެވެ. އެ ކާސްޓްގެ މީހުންނަށް އިންޑިއާގައި މީދާ ހިފައިގެން ކާ މީހުންގެ ގޮތުގައި ވެސް މުޚާތަބުކޮށް އުޅެ އެވެ.
މަންޖީ ބޮޑުވެ އަވަށުގެ ފަލްގުނީ ދޭވީ ނަމަކަށް ކިޔާ އަނަހެން ކުއްޖަކާ ކައިވެނި ކުރި އެވެ. އެއަށްފަހު ދިރިއުޅުމަށްޓަކައި އަވަށާ ތަންކޮޅެއް ދުރު ހިސާބެއްގައި އޮތް ކޯލް މައިނެއްގައި މަސައްކަތް ކުރަން ފެށި އެވެ. ހަތް އަހަރުގެ ބުރަ މަސައްކަތަށް ފަހު މައިނުގެ މަސައްކަތް ދޫކޮށް އޭނާގެ އަންހެނުންގެ ކައިރިއަށް ގޮސް އަމިއްލަ އަވަށުގައި ދިރި އުޅެން ފެށި އެވެ. އެއާއެކު މަންޖީގެ ދެމަފިރިންނަށް ދަރިއަކު ވެސް ލިބުނެވެ.
މަންޖީ ދިރިއުޅުމަށްޓަކައި ދުވަހު އުޖޫރައަށް މަސައްކަތް ކޮށްގެން ދިރިއުޅުން ހަމަޖައްސަމުން ގެންދިޔަ އެވެ. މަންޖީގެ އަންހެނުންނާ ދިމާވި ނުރައްކާތެރި ހާދިސާ ކުރިމަތިވީ މަންޖީ މަސައްކަތުގައި ހުއްޓާ ކާނާ އާއި ފެން ހިފައިގެން މަންޖީގެ ކައިރިއަށް ދަނިކޮށެވެ. ފަރުބަދައިގެ ނުރަކާތެރި މަގުން ކައްސާލާއި ނުރައްކާތެރި އަނިޔާ ލިބުނުއިރު ފަލްގުނީ ދޭވީ އިނީ މަންޖީގެ ދެވަނަ ދަރިފުޅަށް ބަލިވެ އެވެ.
އެކްސިޑެންޓްގެ ޚަބަރު ލިބުމާއެކު މަންޖީ އަވަސް ވެގަތީ އޭނާގެ އަންހެނުންނަށް ބޭނުންވާ ސިއްހީ އެހީތެރިކަން ލިބޭނެ ގޮތެއް ހޯދުމަށެވެ. އެކަމަކު އެންމެ ކައިރިން ވެސް ސިއްހީ ޚިދުމަތެއް ލިބެންއޮތީ 40 މޭލު ދުރުން ކަމަށްވެފައި، އެ ހިސާބަށް ފަސޭހައިން ދެވޭނެ ގޮތެއް ނެތުމުން މަންޖީއަށް ޖެހުނީ އޭނާގެ އަންހެނުން، ފަރުވާ އެއް ނުލިބި މަރުވެގެންދާ މަންޒަރު ބަލަން ހުންނާށެވެ. އެއީ މަންޖީގެ ކޮނޑަށް ކޯރާޑި ނަގައިގެން ފަރުބަދައާ ދިމާލަށް ހިނގައިގަތް ހިސާބެވެ.
މަންޖީގެ ކުރިމަތީގައި އޮތް ފަރުބަދަޔަކީ އެ އަވަށުގެ މީހުނަށް ބޭނުންވާ ބުރިހާ ޒަރޫރީ ބޭނުންތަކަށް ހުރަހަކަށް އޮތް ފަރުބަދައެކެވެ. ފަރުބަދައިގެ އަރިމަތިން ވަށާލައިފައި ދެވެން އޮންނަ މަގަކީ ނުހަނު ދިގު އެހާމެ ނުރައްކާތެރި މަގެކެވެ. އެހެންކަމުން މަންޖީ ނިންމީ ފަރުބަދައިގެ މެދުން މަގެއް ހެދުމަށެވެ. އެއީ ބަލާ ބެލުމަށް އެކަށީގެން ނުވާ ވަރުގެ ބޮޑު މަސައްކަތެކެވެ. އެހެން ކަމުން މަންޖީގެ މިމަސައްކަތައް އަވަށުގެ ގިނަ މީހުން ހަޖޫ ޖަހާ މަލާމާތްކުރި އެވެ. އެހެންނަމަވެސް އެ މީހުންގެ އަޑެއް އޭނާ ނާހަ އެވެ. ދުވާލު އާމްދަނީ ހޯދުމަށް މަސައްކަތް ކުރުމަށް ފަހު ރޭގަނޑު ފަރުބަދަ ކެނޑުމުގެ މަސައްކަތުގައި އޭނާ ދެމިހުއްޓެވެ.
މަންޖީ ފަރުބަދަ ކަނޑާ ގޮތަކީ އެންމެ ފުރަތަމަ ފަރުބަދައިގެ ހިލަގަނޑު މައްޗަށް ލަކުޑި އަޅައި އަންދަނީ އެވެ. ރަނގަޅަށް ހިލަގަނޑު ދޮންވުމުން ފެންޖަހައިގެން ފިނިކުރެ އެވެ. ދެން އެހިސާބު ކޯރާޑިން ތަޅައި ފުނޑުފުނޑުކުރެ އެވެ. މިގޮތުގައި 22 އަހަރު މެދުނުކެނޑި ކުރި މަސައްކަތުގެ ނަތީޖާއަކީ 30 ފޫޓު ފުޅާ މިނުގެ 360 ފޫޓުގެ ދިގު މަގެއް ނިންމާލުމެވެ.
މަންޖީގެ ބުރަ މަސައްކަތުން ފަރުބަދަ ކަނޑާ ހެދިމަގު ނިމި ހުޅުވީ 1982 ވަނަ އަހަރު އެވެ. ކާރު ފަދަ ދުއްވާ އެއްޗެއްސަށް ފަސޭހައިން ދަތުރު ކޮށްލެވޭ ފެންވަރަށް ހެދި އެމަގު ހުޅުވުމުން އެ އަވަށަކީ މީހުން ދިރިއުޅެން ރައްކާތެރި ހިސާބަކަށް ވެއްޖެ އެވެ. ޒަރޫރީ ބޭނުންތަކަށް ކުރަން ޖެހުނު ދިގު، އުނދަގޫ ނުރައްކާތެރި ދަތުރު ކުރު އަމާން ދަތުރަކަށް ވެއްޖެ އެވެ. މަންޖީގެ 22 އަހަރުގެ މިންނެތް މަސައްކަތުން އެތައް ބައެއްގެ ދިރިއުޅުން އަމާންކޮށްދީފި އެވެ. މަންޖީ މިދުނިޔެއާ ވަކިވީ 2007 ވަނަ އަހަރު އެވެ.