ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސެކިއުރިޓީއާ ގުޅޭގޮތުން "މިހާރު" ނޫހުގައި ލިޔެފައިވާ ލިޔުމާ ގުޅިގެން އެމްޑީޕީން އެކަމާ ގުޅިގެން ފިޔަވަޅު އެޅުމަށް ގޮވާލުމަކީ މިނިވަން ނޫސްވެރިކަމަށް ހުރަސް އެޅުން ކަމަށް އެޑިޓާސް ގިލްޑް އިން ބުނެފި އެވެ.

އެޑިޓާސް ގިލްޑްއިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއާ ގުޅިގެން "މިހާރު" ނޫހުގައި މިދިޔަ ހުކުރު ދުވަހު ޝާއިއުކުރި ރިޕޯޓަކީ ފޮރުވިގެން ތިބެ ޕްރޮޕެގެންޑާ ފެތުރުން ކަމަށް ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީން ބުނުމަކީ މިނިވަން ނޫސްވެރިކަމަށް ހިޔަނި އެޅިގެންދާ ކަމެއް ކަމަށެވެ. އަދި އެރިޕޯޓަކީ ރައީސް ނަޝީދަށް ކޮށްފައިވާ ފުރައްސާރައެއް ކަމަށް ބުނެފައި އޮތުމަކީ ވެސް ކަންބޮޑުވާ ކަމެއް ކަމަށް އެޑިޓާސް ގިލްޑްއިން ބުނެފައިވެ އެވެ.

އެޑިޓާސް ގިލްޑްއިން އިތުރަށް ބުނެފައި ވަނީ ކަމުގެ އަސްލު މައްސަލަ ނުބަލައި ނޫސްވެރިން ކުށްވެރިކޮށްވާ ގޮތަށް އެފަދަ ބަޔާންތައް ނެރުމަކީ މިނިވަން ނޫސްވެރިކަމަށް ހިޔަނި އެޅުވުމަށް ކުރާކަމެއް ކަމަށެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ "މިހާރު" ނޫހުގައި ލިޔެފައިވާ ރިޕޯޓަކީ ދައުލަތުން މަތީ ފެންވަރުގެ ބޭފުޅުންނަށް ސެކިއުރިޓީ ދިނުމުގައި ކަމެއް އޮތް ގޮތް، އިންވެސްޓިގޭޓިވް ގޮތަކަށް ގެނެސްދީފައިވާ ރިޕޯޓެއް ކަމަށް ދެކޭ ކަމަށެވެ.

ނޫސްތަކުގައި ލިޔާ ލިޔުންތަކަށް މައުލޫމާތު ދޭ މަސްދަރު ހާމަނުކުރުމުގެ އިހްތިޔާރު ގާނޫނުއަސާސީން ނޫސްވެރިންނަށް އޮންނައިރު އެ ރިޕޯޓް ލިޔުނު ނޫސްވެރިއާ އަދި އެ ނޫހުގެ މަސްދަރާ ސުވާލުނުކޮށް އެ މައްސަލަ ބެލޭނެ ގޮތަކީ ކޮބައިތޯ އެޑިޓާސް ގިލްޑްއިން ވަނީ ސުވާލު އުފައްދާފަ އެވެ.

އެ ބަޔާނުގައި ބުނި ގޮތުގައި ނަޝީދު އުޅުއްވި ގެކޮޅުގެ މައުލޫމާތަކީ ވަކި ބަޔަކަށް ނޫނީ ލިބިގެންވާނެ މައުލޫމާތެއް ނޫން ކަމަށް ބުނެފައިވިޔަސް ނަޝީދު ދިރިއުޅުއްވި ގެކޮޅަކީ ގިނަ ބަޔަކަށް ވަދެ ނުކުމެ ހެދޭ ގެކޮޅެއް ކަމާއި އެ ގެކޮޅު ފެންނަން ހުންނަ ކަން ވަކި ބަޔަކު ނުބުންޏަސް ނޫސްވެރިންނަށް އެނގެ އެވެ.

"ކެނެރީގޭގައި ސެކިއުރިޓީ ނުދެވޭނެ ކަމާއި ނުރައްކާ އޮތް ކަން ނަޝީދަށް އެމްއެންޑީއެފުން އެންގި" މި ސުރުހީގެ ދަށުން "މިހާރު" ގައި ޝާއިއުކުރި ރިޕޯޓްކުރި މައްސަލަ ބަލަން މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީން ވެސް އިއްޔެ އޮތީ ނިންމައިފަ އެވެ.

އެ ކޮމިޓީން އެގޮތަށް ނިންމީ، އޭގައި ހުރި މައުލޫމާތުތަކަކީ ނަޝީދާއި އޭނާގެ އާއިލާގެ ހިމާޔަތާއި ރައްކާތެރިން ގެއްލިގެންދާނެ ފަދަ މައުލޫމާތުތަކެއް ކަމަށް އެ ކޮމިޓީ އަށް ފެންނާތީ ކަމަށް ބުނެފައިވެ އެވެ.

އެޑިޓާސް ގިލްޑަކީ، ރާއްޖޭގެ މީޑިއާތަކުގެ އެންމެ އިސް ބޭފުޅުން، ނުވަތަ އެޑިޓަރުން ހިމެނޭ ޖަމިއްޔާއެކެވެ.