ބަންދުގައި ނުބަހައްޓައިފިނަމަ މުޖުތަމައަށް ނުރައްކާތެރި ވެދާނެ މީހުން ބަންދުގައި ބޭތިއްބުމަށް ގާނޫނީ ހުރަސްތަކެއް ހުރި ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވުމާ ގުޅިގެން އެކަމުގައި ހުރި ގާނޫނީ ހުރަސްތައް އޮޅުންފިލުއްވުމަށް އެޓާނީ ޖެނެރަލް (އޭޖީ) އިބްރާހިމް ރިފްއަތާ ސުވާލު ކުރެއްވުމަށް ހުށަހަޅުއްވައިފި އެވެ.
ރިފްއަތުއާ ސުވާލުކުރެއްވުމަށް ހުށަހެޅުއްވީ އެމްޑީޕީގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) އެވެ. ރިފްއަތުއާ ސުވާލު ކުރެއްވުމަށް ވަހީދު ހުށަހެޅުއްވީ މިމަހުގެ 24 ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލެއްގެ ޖަވާބުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ދެއްކެވި ވާހަކަފުޅަކާ ގުޅިގެންންނެވެ.
އެ ޖަލްސާގައި އިމްރާން ވިދާޅުވެފައި ވަނީ މުޖުތަމައަށް ނުރައްކާތެރި މީހުން ބަންދުގައި ބޭތިއްބޭނެ ގޮތެއް ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ތެރެއިން އަދިވެސް ހަމަޖެހިފައި ނުވާ ކަމަށެވެ. އަދި އެފަދަ މީހުން ބަންދުގައި ބައިތިއްބައިގެން ރިހިބިލިޓޭޝަން ޕްރޮގްރާމުތައް ހިންގަން ވެސް ގާނޫނުތައް ޖަގާ ނުދޭ ކަމަށެވެ.
ބަންޑާރަނައިބު ނުވަތަ އޭޖީ ރިފްއަތާ ސުވާލު ކުރައްވަނީ މުޖުތަމައަށް ނުރައްކާތެރި މީހުން ބަންދުގައި ބޭތިއްބުމަށް ގާނޫނީ ގޮތުން ހުރި ހުރަސްތައް އޮޅުން ފިލުއްވުމެވެ. އަދި އެކަން ފުރިހަމަ ކުރާނެ ގޮތަކާއި އެއީ ހުތޫރަތްތެރި މައްސަލައަކަށް ވާތީ ގާނޫނީ ފަރުވާއެއް ނުލިބި ދިގުލައިގެންދާ ސަބަބު ސާފުކުރެއްވުމަށް ވެސް ސުވާލުކުރައްވާނެ އެވެ.