އައްޑޫ ސިޓީގައި އިންޑިއާއިން ކޮންސިއުލޭޓް އޮފީހެއް ގާއިމް ކުރަނީ މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެކި ނަންނަމުގެ އިންޑިއާގެ މިލިޓަރީ ބޭސްތައް ގާއިމު ކުރަން ހިންގާ ފުޅާ ޕްރޮގްރާމްގެ ބައެއް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ފޭސްބުކް މެދުވެރިކޮށް އުމަރު އާއްމުކުރެއްވި ވީޑިއޯއެއްގައި ވިދާޅުވީ، އެންމެ ފުރަތަމަ އައްޑޫއަށް ގެންދިޔައީ އިންޑިއާގެ އަސްކަރީ ހެލިކޮޕްޓަރެއް ކަމަށެވެ. ހެލިކޮޕްޓަރާއެކު އިންޑިއާއިން ސިފައިން ވެސް ދިޔަ އެވެ. އެފަހުން ވަނީ އިންޑިއާއިން ވަނީ އައްޑޫއަށް ރާޑަރު ސްޓޭޝަނެއް ގެންގޮސްފަ އެވެ.
ވީޑިއޯގައި އުމުަރު ވިދާޅުވީ، ރާޑަރު ސްޓޭޝަނަށް ފަހު މިލިޓަރީ ބޭސްއަކަށް ބޭނުން ކުރެވޭނެ ވަރުގަދަ އިމާރާތެއް ގެންގޮސް މިހާރު ކޮންސިއުލޭޓް އޮފީހެއް ގާއިމު ކުރަން އިންޑިއާއިން މަސައްކަތް ކުރަނީ ރާއްޖޭގެ މިހާރުގެ ސަރުކާރުގެ ބޭނުން ކޮށްގެންކަން އޮޅުވާނުލެވޭނެ ކަމަށެވެ.
އުމަރު ވިދާޅުވީ، އިންޑިއާއިން މަސައްކަތް ކުރަނީ، ރާއްޖޭގެ އެކިކަންކޮޅުތަކުގައި އިންޑިއާގެ މިލިޓަރީ ބޭސްތަށް ގާއިމުކުރަން ކަމަށެވެ.
"ތިލަފަޅުގަ އިންޑިއާއިން ހަދާ އިމާރާތްތަކާ، ހދ. ހަނިމާދޫގައި ތިބި އިންޑިއާ ސިފައިނާ އެމީހުންގެ މަތިންދާބޯޓާ، ލ. ގަމުގަ ތިބި އިންޑިއާ ސިފައިންނާ އެމީހުންގެ ހެލިކޮޕްޓަރާ، އައްޑޫގައި ގާއިމު ކޮށްފައިވާ އެމީހުންގެ ވަސީލަތްތަކަށް ބަލައިލުމުން މި ހިނގަނީ ކޮން ކަމެއްކަން ވަރަށް ސާފު،" އުމަރު ވިދާޅުވި އެވެ.
އިތުރަށް ވިދާޅުވީ، ސަރުކާރުގައި ތިއްބެވި ފަރާތްތަކަށް ކޮންސިއުލޭޓް އޮފީހެއް ގާއިމް ކުރުމަކީ ވިޔަފާރީގެ ފުރުސަތެއް ކަމަށް ހީވި ނަމަވެސް އެއީ އައްޑު އަތޮޅުގެ ރައްޔިތުންނަށް ދެވޭ ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ. އަދި ވިދާޅުުވީ އެ އަތޮޅުގައި ސަރުކާރުން ތަރައްގީ ކުރަން ވައުދުވި 8000 އެނދުގެ މަސައްކަތް ނުކޮށް އިންޑިއާގެ މިލިޓަރީ ބޭސްއެއް ގާއިމު ކުރުން ވެގެން ދާނީ އިންވެސްޓަރުން އައްޑޫއަށް އައުމަށް ޖެހިލުންވާނެ ސަބަބެއް ކަމަށެވެ.
އިންޑިއާއަކީ މުއްސަދި ގައުމެއް ނޫން ކަމަށްވުމުން ރާއްޖޭގައި ހަދާ މިލިޓަރީ ބޭހެއްގެ ސަބަބުން އިނގިރޭސިން ރާއްޖޭގައި ތިބިއިރު ކުރިކަހަލަ އެއްވެސް ފައިދާއެއް ރާއްޖެއަށް ނުކުރާނެ ކަމަށެވެ.
އެއަށްފަހު ވިދާޅުވީ، މިހާރު ދިމާވެފައިވާ ހުރިހާ ކަމަކުން ސަލާމަތްވުމަށް އަދި އިންޑިއާ ސިފައިނުން ރާއްޖޭގައި ތިބޭ ތިބުން ނިމުމަކަށް ގެނައުމަށް 2023 ވަނަ އަހަރުގެ ވެރިކަން ޑީއެންއޭ އާއި ހަވާލުކޮށްދިނުމަށް އެދޭ ކަމަށެވެ.