ނިއު ދިއްލީ (31 މެއި) - އިންޑިއާގެ ސިރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއިން އުފައްދާ އެސްޓަރާޒެނެކާ ކޮވިޝިލްޑް ވެކްސިންގެ އުފެއްދުން އިތުރުކުރަން އެ ކުންފުނިން ނިންމައިފި އެވެ.

ސިރަމް އިންސްޓިޓިއުޓްގެ ތަރުޖަމާނަކު ރޮއިޓާސްއަށް ބުނީ އެ ކުންފުނިން ޖޫން މަހުން ފެށިގެން މަހަކު 90 މިލިއަން ޑޯޒް އުފައްދަން ނިންމާފައިވާ ކަމަށެވެ.

އެ ކުންފުނިން މީގެ ކުރިން އުފައްދަމުން އައީ މަހަކު 60 މިލިއަން ޑޯޒްގެ ވެކްސިން އެވެ.

އިންޑިއާގައި ކޮވިޑްގެ ކޭސްތައް ގިނަވުމާއެކު އެ ގައުމުގައި ވެކްސިން އަށް އޮތް ޑިމާންޑް އިތުރުވެ، ވެކްސިން ލިބުން ދަތިވުމުގެ ސަބަބުން އެ ގައުމުގެ ގިނަ ސަރަހައްދުތަކެއްގައި މިހާރު ވެކްސިން ދެމުން އަންނަނީ ހަމައެކަނި 44 އަހަރުން މަތީގެ މީހުންނަށެވެ.

މާޗް މަހު ކޮވިޑް ކޭސްތައް ގިނަވާން ފެށުމާއެކު އިންޑިއާއިން ވަނީ އެހެން ގައުމުތަކަށް ވެކްސިން އެކްސްޕޯޓް ކުރުން ހުއްޓާލާފަ އެވެ. އޭގެ ކުރިން އެ ގައުމަކީ ދުނިޔޭގެ އެންމެ ބޮޑު ވެކްސިން އެކްސްޕޯޓަރެވެ. ނަމަވެސް ކޮވިޑް ކޭސްތައް އިތުރުވުމުން އެ ގައުމުން ވަނީ އެހެން ގައުމުތަކުން ވެކްސިން އެތެރެ ކުރަން ފަށާފަ އެވެ.

ރާއްޖޭގައި ވެސް އެންމެ ގިނަ ބަޔަކަށް ދީފައިވަނީ ކޮވިޝިލްޑް ވެކްސިނެވެ. ނަމަވެސް އިންޑިއާއިން ވެކްސިން ލިބުން ހުއްޓުމާ ގުޅިގެން ކޮވިޝިލްޑް ވެކްސިން ދިނުން ވަނީ މެދުކަނޑާލައިފަ އެވެ. ރާއްޖޭގައި ކޮވިޝިލްޑް ވެކްސިން މެދުކަނޑާލިއިރު ގިނަ ބަޔަކަށް ދެވަނަ ޑޯޒް ނުލިބެ އެވެ.

ސިރަމް އިންސްޓިޓިއުޓްގެ މި ނިންމުމާއެކު އިންޑިއާގައި ވެކްސިން ލިބުމުގެ ދަތިތަކަށް ކޮންމެވެސް ވަރެއްގެ ލުއެއް ލިބޭނެ ކަމަށް އޮފިޝަލުން ބުނެ އެވެ. -- ރޮއިޓާސް