އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ ޕީޕީއެމަށް ލިބިފައިނުވާ ކަމަށް އެ ޕާޓީގެ ކުރީގެ ނައިބު ރައީސް އަދި މިހާރު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
މިއަދު ހަވީރު ޕީޕީއެމް، ޕީއެންސީން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލް ޣަފޫރު ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ވިދާޅުވި ފަދައިން ޕީޕީއެމަށް ޚިޔާނާތުގެ ފައިސާ ލިބިފައިނުވާ ކަމަށެވެ.
އަދުރޭ ވިދާޅުވީ ވެރިކަންކުރާ އެމްޑީޕީ އާއި އަދާލަތު ޕާޓީ އާއި އެމްއާރްއެމް އަށް ވެސް ހިޔާނާތުގެ ފައިސާ ލިބިފައިވާކަން އަދީބުގެ ވާހަކަތަކުން ޔަގީންވާ ކަމަށެވެ. އެހެންކަމުން އެކަން ބެލުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އިތުރުން އެންޓި ކޮރަޕްޝަން ކޮމިޝަނާއި ފުލުހުންނަށް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ފިޔަވަޅު އަޅުއްވަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ކުރެވުނު ކުށަށް ތައުބާވެފައިވާ ކަމަށް އަދީބު ވިދާޅުވެފައިވާތީ އެކަމަށް ރައްދުދެއްވަމުން އަދުރޭ ވިދާޅުވީ ސަރުކާރާއެކީގައި ހެދޭ އެއްބަސްވުމެއްގެ ދަށުން އަދަބު ލުއިކުރުމަށް ތިމާގެ ހިތުގައި ހަސަދަ އޮތް މީހުންނަށް ހަސަދަ ފިލުވުމާލުމަކީ ތައުބާވުން ނޫން ކަމަށެވެ.
ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން އަދީބު ވިދާޅުވީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މުގުލުގައި ހުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ކަމަށެވެ. އަދި ޚިޔާނާތުގެ ފައިސާ ޚަރަދުކުރުމަށް އިރުޝާދު ދެއްވީ ވެސް ރައީސް ޔާމީން ކަމަށް އަދީބު ވަނީ ވިދާޅުވެފައެވެ.