ބޮލީވުޑް އަދި ހޮލީވުޑުގައި ވެސް ފިޔަޖަހަމުން އަންނަ ތަރި ޕްރިޔަންކާ ޗޯޕްރާ އޭނާގެ ހަޔާތުގެ މައްޗަށް ފޮތެއް ލިޔަމުން ގެންދާތާ މިހާރު ދުވަސްކޮޅެއް ވެއްޖެ އެވެ. އެގޮތުން ލޮކްޑައުންގެ ތެރޭގައި އެ ފޮތް ނިމި، ޗާޕުކުރަން ތައްޔާރުވެފައިވާ ކަމުގެ އުފާވެރި ހަބަރު އޭނާގެ ފޭނުންނާއި ހިއްސާކޮށްފައިވެ އެވެ.
މި ފޮތުގެ އެންމެ ފަހުގެ އަޕްޑޭޓް ހިއްސާކުރުމުގެ ގޮތުން މީގެ ދެ ދުވަސް ކުރިން ޕްރިޔަންކާ ވަނީ "ސަމްތިންގ އިޒް ކަމިން،" ލިޔުމަށްފަހު އޭނާގެ އިންސްޓަގްރާުމްގައި ޕޯސްޓެއް ހިއްސާކޮށް، ފޭނުން ދަހިކޮށްލާފަ އެވެ. އޭގެ ދެ ގަޑިއިރު ފަހުން ޕްރިޔަންކާ ވަނީ އޭނާގެ ޅައިރުގެ ފޮޓޯއަކާއި މިސް ވޯލްޑްގައި ބައިވެރި ވި އިރުުގެ ފޮޓޯތަކާއި އެކު ދެ ވީޑިއޯ ހިއްސާކޮށްފަ އެވެ. އަދި މި ދެ ވީޑިއޯގެ ކެޕްޝަންގައި ލިޔެފައިވަނީ "އަންފިނިޝްޑް" އެވެ.
މީގެ ކުރިން ޕްރިޔަންކާ ވަނީ އޭނާގެ ވާހަކަ ކިޔަން ފޭނުންނަށް ދޫކޮށްލާއިރު އަމިއްލަ އަަށް ދިރިއުޅުން އެންމެ ފުރިހަމައަށް ކުރިއަށް ގެންދެވިއްޖެ ކަމާއި މެދު ކަންބޮޑުވާ ކަމަށް ބުނެފަ އެވެ.
"އަހަރެން އަބަދުވެސް ޕްރައިވެޓްކޮށް ބެހެއްޓި ކަންކަމުގެ ވާހަަކަ މިގޮތަށް ލިޔުމުގެ ކުރިން އަހަރެން ކުރަން ބޭނުންވާ ބައިވަރު ކަންތައް އެބަހުރި. ހާސިލްކުރަން ބޭނުންވާ އެތައް ލަނޑުދަނޑިއެއް އެބަހުރި. އެހެން ނަމަވެސް އަހަރެންގެ ޕަބްލިކް ލައިފް އާއި ދިރިއުޅުމަށް ބަލާއިރު މިހާރު އާދެވިފައިމިވާ ހިސާބާއި މެދު އަމިއްލަ އަށް އުފާވޭ،" ޕްރިޔަންކާ ބުނެފައިވެ އެވެ.
"އަހަންނަށް އިހުސާސުވީ ކަމަކީ އަހަރެންގެ ވާހަކަ ކިޔައިދޭ އިރު ކޮންމެހެން އެ ވާހަކަ ނިމިފައި އޮންނާކަށް ނުޖެހޭކަން. ދިރިއުޅުމުގެ އެންމެ މުހިއްމު ފިލާވަޅުތައް ދަސްވަނީ ހަޔާތުގެ މި ދަތުރު މަތީ. މި ދަތުރު ނުނިމި އޮންނަ އިރު އަބަދުވެސް ދާނީ އެކި ކަންތައް އެނގި ފަހުމް ވަމުން."
މީގެ ކުރިން ވެނިޓީފެއާ އަށް ދިން އިންޓަވިއުއެއްގައި ޕްރިޔަންކާ ބުނި ގޮތުުގައި ފޮތެއް ލިޔުމަކީ އަބަދުވެސް އޭނާގެ "ބަކެޓް ލިސްޓް" ގައި އޮންނަ ކަމެއް ކަމަށާއި އެ ކަން ފުރިހަމަ ކުރެވުމުން ވަރަށް ހިތްހަމަ ޖެހިފައިވާ ކަމަށެވެ.
"އަންފިނިޝްޑް" ގެ ނަމުގައި ޕްރިޔަންކާ ނެރޭ ފޮތް ކިޔާލުމަށް ފޭނުން މިހާރު ތިބޭނީ ކެތްމަދުވެފައި ކަމާއި މެދު ޝައްކެއް ނުކުރަމެވެ.