އައްސޭރި ޖަލަށާއި މާފުށި ޖަލަށް ވައްދަން އުޅުނު ގިނަ އަދަދެއްގެ ފޯނާއި މަސްތުވާތަކެތި ހޯދައި ފުލުހުން އަތުލައިފި އެވެ.

ފުލުހުން ބުނީ އެތަކެތި އަތުލައިގަތީ، ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާފުށީ ފުލުހާއި މާފުށި ޖަލު ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. އެ އޮޕަރޭޝަނުގައި 34 އަހަރުގެ ފިރިހެނަކު ރޭ ފަތިހު ވަނީ ހައްޔަރުކޮށްފަ އެވެ. އެމީހާ ހައްޔަރުކޮށް އެ ސަރަހައްދު ބަލައި ފާސްކުރި އިރު 44 ފޯނާއި، ފޯން ކަވަރަކާއި، 13 ޔޫއެސްބީ ކޭބަލް އާއި، ދެ ހެޑްސެޓާއި، މޮޑިފައިޑް 46 ފޯނު ޗާޖަރުގެ އިތުރުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ތިން ރަބަރު ޕެކެޓު ވަނީ ފެނިފަ އެވެ.

އެ އޮޕަރޭޝަނުގައި އައްސޭރި ޖަލު ހިމެނޭ ސަރަހައްދު ބަލައި ފާސްކޮށް ދެ ފޯނާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އަށް ދަޅާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފަސް ރަބަރު ޕެކެޓު ފެނިފައިވެ އެވެ. މި އެއްޗެތި ހުރީ ޖަލުގެ ބައުންޑަރީ ވޯލް ތެރޭ ހޮޅިދަނޑިއެއްގެ އަޑީގައި ޕޮޓްކޮށްފަ އެވެ. މި މައްސަލާގައި އެއްވެސް މީހަކު އަދި ހައްޔަރުކޮށްފަ އެއް ނުވެ އެވެ.

ޖަލަށް މަނާ ތަކެތި ވައްދަން އުޅޭކަމުގެ މައުލޫމާތު ލިބިފައިވަނީ މިމަހު ތިން ވަނަ ދުވަހު އެވެ. މިމައްސަލަތައް މާފުށި އަދި ހިންމަފުށި ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.