ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތައް ލިބުނު ފަރާތްތަކާއެކު މިމަހު ފަހުކޮޅު އެގްރިމަންޓްގައި ސޮއިކުރަން ފަށަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ން ތައްޔާރުވެއްޖެ އެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު "ހުރިހާ"އާ ވާހަކަދައްކަވަމުން މިއަދު ވިދާޅުވީ އެގްރިމަންޓްގައި ސޮއިކޮށް، ފްލެޓްގެ ތަޅުދަނޑި ހަވާލުކުރުމުގެ ކަންތައްތައް ކުރިޔަށް ގެންދަން މިމަހު ފަހުކޮޅު ފަށާނެ ކަމަށެވެ.
ހިޔާ ފްލެޓްގެ އެގްރިމަންޓްގައި ސޮއިކުރުމާއި ތަޅުދަނޑި ހަވާލުކުރުމުގެ ކަންތައްތައް ކުރިޔަށް ގެންދަން ނިންމާފައި ވަނީ ޖޫން 20 ން ފެށިގެން ޖުލައި 31 އަށް ހުރަވީ ސްކޫލްގަ އެވެ. އަދި އެކަމާ ގުޅޭ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ސުހައިލް ވިދާޅުވި އެވެ.
"އެގްރިމަންޓްގައި ސޮއިކުރުން ލަސްވީ ހިޔާ ފްލެޓަށް ބޭނުންވާ ކަރަންޓްގެ ކަންތައް ނުނިމޭތީ. އެކަމަކު މިމަހުގެ ނިޔަލަށް އެކަންތައް ނިމޭނެ ކަމަށް ސްޓެލްކޯ އިން އަންގާފައިވޭ،" އޭނާ ވިދާޅުވި އެވެ.
ސުހައިލް ވިދާޅުވީ އެގްރިމަންޓްގައި ސޮއިކުރުމުގެ ކުރިން ފްލޯ ބަދަލުކުރަން ބޭނުންވާ ބަޔަކު ވެސް އެބަ އުޅޭ ކަމަށެވެ. އެގޮތުން އެ ފަރާތްތަކާއެކު އެގްރިމަންޓްގައި ސޮއިކުރާނީ ފްލޯ ބަދަލުކުރުމުގެ ކަންތައްތައް ނިންމުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިހާރު އެއޮތީ ފްލެޓްގެ ގުރުއަތުލުމުގެ ބޮޑު ބައެއް ނިމިފައި. ބާކީ ހުރި ފްލެޓްތަކުގެ ގުރުއަތުލުން ވެސް ކޮވިޑްގެ ލުއިތައް ލިބުމުން ކުރިޔަށް ގެންދާނަން،" ސުހައިލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހިޔާ ފްލެޓް ލިބުނު ފަރާތްތަކުން އެތަނުގެ ކުލި ކުޑަކުރުމަށާއި އެނޫން ވެސް ގިނަ ކަންތައްތަކެއް ހަމަޖައްސައިދިނުމަށް އެދި ޕެޓިޝަނެއް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެގްރިމަންޓްގައި ސޮއިކުރުމުގެ ކުރިން ޕެޓިޝަނުގައިވާ ކަންތައްތަކާމެދު ގޮތެއް ނިންމާނެ ކަމަށް ވެސް ސުހައިލް ވިދާޅުވި އެވެ.
ހިޔާ ފްލެޓްގައި މީހުން ދިރިއުޅޭނީ ފުރަތަމަ ފްލޯއިން ފެށިގެންނެވެ. އަދި ގްރައުންޑް ފްލޯ ހާއްސަކޮށްފައި ވަނީ ވިޔަފާރި ބޭނުންތަކަށެވެ.
މާނަ އަކީ ގުރު ނުލާ ތިބި މީހުންނަށް ފުލެޓް ލިބޭނީ ކޮވިޑް ނިމުން ދުވަހަކުންނޭތަ؟ ހާދަ ނާއިންސާފުކޮން ތިކަންތައްކުރަން ރާވަނީ؟ ފުރަތަމަ ލާންޖެހޭނީ ގުރެއްނޫންތޯ.
ވެބްސައިޓަށް ލާނަމޭ ބުނި އެގްރިމެންޓް ކޮޕީ ކޮބާ؟ ލައިފިތަ؟ ބަލާނަމޭ ތި ސޮއި ކުރުމަކަށްވެސް ވަނީ ކިހާ ވަރެއްތޯ!
ބޭރު ދޮރު ހުރޭ. ކޮޓަރިޔާ ފާހާނައިގަ ދޮރު ނުހުންނަނީ
ދޮރު ނެތް ތަނެއްގަ ކޮން ތަޅުދަނޑިއެއް