މެނީލާ (11 ޖޫން) - ފިލިޕީންސްއަކީ ޕޯލިއޯ ބަލި އެއްކޮށް ނައްތާލެވިފައިވާ ގައުމެއްކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ރަސްމީކޮށް އިއުލާނު ކޮށްފި އެވެ.

އެ ގައުމުގައި ޕޯލިއޯ ނައްތާލެވިފައި އޮންނަތާ 20 އަހަރަށް ވުރެ ގިނަދުވަސް ފަހުން ފިލިޕީންސްގައި އެ ބަލި އަލުން ފެތުރެން ފެށީ 2019 ވަނަ އަހަރު އެވެ. އެއާއެކު އެ ގައުމުގެ ކުޑަކުދިން އެބައްޔާ ދެކޮޅަށް ވެކްސިން ޖެހުމުގެ ބޮޑު ކެމްޕޭނެއް ފެށި އެވެ.

މި ކެމްޕޭންގެ ދަށުން ފިލިޕީންސްގެ ކުޑަކުދިންގެ އާބާދީގެ 80 ޕަސެންޓް ކުޑަކުދިންނަށް ވެންސިން ދީފައިވާ ކަމަށް ޑަބްލިއުއެޗްއޯ އިން ފިލިޕީންސްއަށް ކަނޑައަޅާފައި ހުންނަ ސަފީރު ރަބިންދުރަ އަބީ ސިންގެ ވިދާޅުވި އެވެ.

2019 ވަނަ އަހަރު ފިލިޕީންސްގައި ޕޯލިއޯ ފެތުރުނީ ޑެންގޫ ހުމާއި މީސަލްސްގެ އެޕިޑެމިކެއް ދުނިޔޭގެ އެކި ގައުމުތަކުގައި ފެތުރެމުން ދާތާ ކުޑަ ދުވަސްކޮޅެއް ފަހުންނެވެ.

ޕޯލިއޯއަކީ އަވަހަށް ފެތުރޭ އެކަމުގެ ސަބަބުން ވާގިނެތި ވެ، ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު ބޮޑު ބައްޔެކެވެ.

ފިލިޕީންސްގެ ސިއްހީ އޮފިޝަލުން އުއްމީދުކުރާ ގޮތުގައި ޕޯލިއޯ ނައްތާލުމަށް ހިންގި ވެންސިން ކެމްޕޭން ފަދަ ކާމިޔާބު ކެމްޕޭނެއް ކޮވިޑް -19 އާ ދެކޮޅަށް ވެސް އެ ގައުމުގައި ހިންގޭނެ އެވެ. --އަލް އަރަބިއްޔާ