މިދިޔަ މަހު ހަ ވަނަ ދުވަހުގެ ރޭ ކުރީގެ ރައީސް އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒު ކޮށްގެން ދިން ހަމަލާއާއި ގުޅިގެން ޖަލުތަކުގައި ވެސް ޚާއްސަ އޮޕަރޭޝަނެއް ފަށައިފި އެވެ.

ޖަލްތައް ބަލަހައްޓާ މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސް އިން ބުނީ ރައީސް ނަޝީދަށް އަމާޒުކޮށްގެން ދެވުނު ޓެރަރިޒަމްގެ ހަމަލާއި، އަދި ހަރުކަށި ފިކުރާ ދެކޮޅަށް ޖަލްތަކުގައި ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންދާ ކަމަށެވެ. މިއޮޕަރޭޝަން ކުރިއަށް ގެންދަނީ ފުލުހުންނާއި އެމްއެންޑީއެފްއާ ގުޅިގެން ކަމަށް ވެސް ކަރެކްޝަންއިން ބުނެ އެވެ.

މި އޮޮޕަރޭޝަނުގައި ގާތްގަނޑަކަށް 300 ފުލުހުންނާއި ސިފައިން ބައިވެރިވާ ކަމަަށް އެނގިފައިވެ އެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން މިހާތަނަށް ވަނީ ހަތަރު މީހަކު ހައްޔަރު ކޮށްފަ އެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގައި ބާރުގަދަ އައިއީޑީއެއް ސައިކަލު ތެރެއަށް ލައި ގޮއްވާލީ އެމަނިކުފާނު ދިރިއުޅުއްވާ ކެނެރީގެއިން ނުކުމެވަޑައިގެން މަޖީދީ މަގުގައި އޮތް އެމަނިކުފާނުގެ ކާރުކޮޅަށް އެރުއްވުމަށް ހިންގަވައިފައި ވަޑައިގަންނަވަނިކޮށެވެ. އޭރު ގޮއްވައިލި ސައިކަލު ބަހައްޓާފައި ހުރީ ނީލޯފަރު ހިނގުމާއި މަޖީދީމަގާ ވީ ކަންމަތީގައެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން މި ހަމަލާއަކީ ހަރުކަށި ފިކުރާ ގުޅުން ހުރި ހަމަލާއެއް ކަމަށް ފުލުހުން ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. އެގޮތުން މި ހަމަލާއާ ގުޅިގެން މިހާތަނަށް 25 ތަނެއް ބަލައިފާސްކޮށް، 14 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. އޭގެތެރެއިން 10 މީހުންނަކީ ހަރުކަށި ފިކުރު ފަތުރާ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުން ކަމުގައި ވެސް ވިދާޅުވިއެވެ.

މިހަމަލާއާއި ގުޅިގެން މަޖިލީހުން ކުރިއަށް ގެންދާ އިންކުއަރީއަށް ރައީސް ސޯލިހު ހުރަސް އަޅާކަމަށް ރައީސް ނަޝީދު އާއި އެމަނިކުފާނަށް ތާއީދުކުރައްވާ މަޖިލިސް މެމްބަރުންނާއި އާންމު މެމްބަރުން ދަނީ ބުނަމުންނެވެ. މިތަހުގީގު ކުރިއަށްދާ ގޮތް ބެލުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ހާއްސަ ކޮމިޓީއެއް ވަނީ މިހާރު އެކުލަވާލައްވާފަ އެވެ. އަދި މިކަމާ ގުޅިގެން އެމްޑީޕީ ތެރޭގައި ދެ ފެކްޝަނެއް އުފެއްދި އެބަޔަކު އަނެއް ބަޔަކު ބޮލުގައި ތުހުމަތުތަކެއް ދަނީ އަޅުއްވަމުންނެވެ.