ލޮނުޒިޔާރަތް ޕާކް ތަރައްގީކުރުމުގައި މާލޭ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާކަން އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ތަހުގީގަށް ސާބިތުވެ، އޭނާގެ މައްޗަށް ދައުވާކޮށްދިނުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވާފަ އެވެ. މިކަން ކައުންސިލްތަކުގެ ބަލަދުވެރިޔާ، ލޯކަލް ގަވަރުމެންޓް އޮތޯރިޓީ (އެލްޖީއޭ) އަށް އެނގުނުހެން ހިޔެއް ނުވެ އެވެ. ޝިފާ ކޮރަޕްޝަން ހިންގި ކަމަށް ތަހުގީގީ އިދާރާއަކުން ނިންމިއިރު ވެސް އޭނާ ކައުންސިލަރުކަމުން ސަސްޕެންޑު ކޮށްފައެއްނުވެ އެވެ.

އެކަމަކު އޮޑިޓާ ޖެނެރަލް ނެރުއްވި މާލެ އަތޮޅު ކައުންސިލްގެ އޮޑިޓް ރިޕޯޓްގައި ކޮރަޕްޝަންގެ ތުހުމަތުކޮށްފައިވާތީ، މާލެ އަތޮޅު ކައުންސިލްގެ ނައިބު ރައީސް އަބްދުﷲ ވާރިސް އާއި މާލެ އަތޮޅު ކައުންސިލް މެންބަރު މާޖިދު ސުލައިމާން ވަނީ މިދިޔަ ޖުލައި މަހުގެ 25 ވަނަ ދުވަހު ސަސްޕެންޑުކޮށްފަ އެވެ.

އެލްޖީއޭގެ ސީއީއޯ އަފްޝަން ލަތީފް ސޮއިކުރައްވައި މާލެ އަތޮޅު ކައުންސިލްގެ ރައީސް އިބްރާހިމް ރައޫފަށް ފޮނުވި ސިޓީއެއްގައި ވަނީ މާލެ އަތޮޅު ކައުންސިލްގެ ނައިބު ރައީސް ވާރިސްއާއި ކައުންސިލް މެންބަރު މާޖިދު ދައުލަތުގެ ފައިސާއާއި މުދަލަށް ހިޔާނާތްތެރިވެފައިވާކަން އޮޑިޓް އޮފީހުން ނެރެފައިވާ އެ ކައުންސިލްގެ އޮޑިޓް ރިޕޯޓްގައި ސާފުކޮށް ބަޔާން ކޮށްފައިވާ ކަމަށެވެ.

އެހެންކަމުން ކައުންސިލްގައި އިތުރަށް ތިބުމުގެ ފުރުސަތު އެ ދެ ކައުންސިލަރުންނަށް ދޭންޖެހޭ ކަމަށް އެލްޖީއޭގެ ބޯޑަށް ނުފެންނާ ކަމަށާއި އެ ދެ ކައުންސިލަރުންގެ އެ އަމަލަކީ އެލްޖީއޭއިން އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ ފަދަ މައްސަލައެއް ކަމަށް އެ ސިޓީގައި ބުނެފައިވެ އެވެ.

މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ކޮންސްޓްރަކްޝަން ކުންފުންޏަކަށް މޭޔަރު ޝިފާ ނާޖާއިޒު ފައިދާއެއް ހޯދައިދިންކަން އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ތަހުގީގުން ސާފުކޮށް އެނގެން އޮތްއިރު، މާލެ އަތޮޅު ކައުންސިލަރުންނަށް ހިނގި އުސޫލު ޝިފާއަށް ނުހިނގަންވީ ކީއްވެތޯއެވެ.

އެލްޖީއޭގެ ސީއީއޯ އަފްޝަން ލަތީފަކީ އެމްޑީޕީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލެވެ. އަދި އޭނާ އަކީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ އަރިސް ބޭފުޅެއް ކަމަށްވާ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު މުހައްމަދު ރަޝާދުގެ އަނބިކަނބަލުންނެވެ.

ކަންމިހެން އޮތްއިރު، ފެންނަމުންދަނީ މޭޔަރު ޝިފާގެ ދިފާއުގައި އެލްޖީއޭ އިން މަސައްކަތް ކުރަމުން އަންނަ މަންޒަރެވެ.

ޝިފާއާ ގުޅޭގޮތުން ހުރި 39 މައްސަލައެއް ފާހަގަކޮށް އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މާލޭ ސިޓީ ކައުންސިލަށް ހުށަހެޅުމުން އެކަމުގެ ޝަކުވާ ރައީސް ނަޝީދުގެ އަރިހަށް ޝިފާ ގެންދެވިއެވެ. އެއާއެކު ދެން ފެނިގެންދިޔައީ އެ މައްސަލަ ހުށަހެޅި ކައުންސިލަރުންނާ ބައްދަލުކޮށް ރައީސް ނަޝީދު އިންޒާރު ދެއްވި މަންޒަރެވެ. ޝިފާގެ އިތުބާރު ނެތްކަމަށް ފާސްވެއްޖެނަމަ އެބޭފުޅުންނަށް ދެރަގޮތްތަކެއް ވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެބައްދަލުވުމަށްފަހު ދެން ފެނިގެންދިޔައީ ޝިފާގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ނުގެންދަން އެލްޖީއޭ އިން މާލޭ ސިޓީ ކައުންސިލަށް އެންގި މަންޒަރެވެ.

އެލްޖީއޭ އިން މާލޭ ސިޓީ ކައުންސިލަށް ފޮނުވި ސިޓީގައި ބަޔާންކޮށްފައި ވަނީ ސިފާގެ އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅޭ އިންކުއަރީ އެއް އެ އޮތޯރިޓީން ކުރިއަށްގެންދަމުންދާ ކަމަށެވެ. އެހެންކަމުން އިތުބާރު ނެތްކަމުގެ ވޯޓު ނެގުން ކުރިއަށް ނުގެންދެވޭނެ ކަމަށް އެލްޖީއޭގެ ބޯޑުން ފާސްކޮށްފައިވާ ކަމަށް އެ ސިޓީގައިވެ އެވެ.