ސަލާމަތީ ބާރުތަކުން ކުރިއަށްގެންދާ އޮޕަރޭޝަންތަކުގައި އިންސާނީ ހައްގުތައް ނުގެއްލޭނެހެން ކަންކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން އިލްތިމާސްކޮށްފި އެވެ.

އެޗްއާރްސީއެމުން އެގޮތަށް އިލްތިމާސްކުރީ މާފުށި އަދި މާލޭ ޖަލުގައި ފުލުހުންނާއި ސިފައިން އަދި ކަރެކްޝަންސް ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި ގައިދީންނަށް އަނިޔާވިކަމަށް ބުނާ ފޮޓޯތަކެއް ދައުރުވުމާ ގުޅިގެންނެވެ. ނަމަވެސް ފުލުހުން ވަނީ އެއީ ހަގީގަތެއް ނެތް ފޮޓޯތަކެއް ކަމަށް ބުނެފަ އެވެ. އަދި އޮޕަރޭޝަންގައި އެއްވެސް ގައިދީއަކަށް އަނިޔާ ނުކުރާ ކަމަށް ވަނީ ބުނެފަ އެވެ.

މިއަދު ޖަލުގައި ފުލުހުން، ސިފައިން، އަދި ކަރެކްޝަން ސާވިސްއިން ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނަކީ މިދިޔަ މަހު ހަ ވަނަ ދުވަހު ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިޒަމްގެ ހަމަލާއާ ގުޅިގެން ހަރުކަށި ފިކުރާ ދެކޮޅަށް ކުރިއަށް ގެންދާ އޮޕަރޭޝަނެކެވެ. ޖަލުތަކަކީ އާއްމު ގޮތެއްގައި ހަރުކަށި ފިކުރު ފަތުރާ ތަނެކެވެ.

ގައިދީންނަށް އަނިޔާކުރިކަމަށް ބުނާ ފޮޓޯއާ ގުޅިގެން އެޗްއާރްސީއެމުން ކުރި ޓުވީޓެއްގައި ބުނީ، އިންސާނީ ހައްގަކީ ކޮންމެ މީހަކަށްމެ ލިބިގެންވާ ހައްގަކަށް ވާއިރު ކަމާބެހޭ މުއައްސަސާތަކުން އެކަމަށް އިތުރު ސަމާލުކަމެއް ދިނުމަކީ މުހިންމު ކަމެއް ކަމަށެވެ. އެހެންކަމުން ސަލާމަތީ ބާރުތަކުން ކުރިއަށްގެންދާ އޮޕަރޭޝަންތަކުގައި އިންސާނީ ހައްގު ނުގެއްލޭހެން އެފަދަ އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމަށް އިލްތިމާސްކުރާ ކަމަށެވެ. އަދި ޖަލުތަކުގައި ތިބޭ ފަރާތްތަކުން ވެސް ކަމާ ގުޅުންހުރި މުއައްސަސާތަކަށް އެއްބާރުލުން ދިނުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފައިިވާ ގޮތުގައި ގައިދީންނާ ފުލުހުންނާ ދެމެދު ހަމަނުޖެހުމެއް ހިނގައި ފަސް ގައިދީއެއްގެ ބޯ ވަނީ ފަޅައިގެން ގޮސްފަ އެވެ. އަދި ގައިދީއެއްގެ ކަރަށް ޓޭޒާ ގަން އަމާޒުވުމުގެ ސަބަބުން ޒަހަމުވެފައިވާ ފޮޓޯތަކެއް ކަމަށް ބުނާ ފޮޓޯތަކެއް ވެސް ސޯޝަލް މީޑިއާގައި ދައުރުވި އެވެ.