އިންޑިއަން ޓެލެވިޒަން އެކްޓްރެސް މާހީ ވިޖްގެ ކޮއްކޮ މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ކޮވިޑްގައި މަރުވެއްޖެ އެވެ.

އިންސްޓަގްރާމްގައި ކޮއްކޮގެ ފޮޓޯއެއް ހިއްސާކުރަމުން މާހީ ވަނީ ކޮއްކޮގެ މަރުގެ ހަބަރު އާންމުނާ ހިއްސާކޮށްފަ އެވެ. ކޮއްކޮއަކީ މާހީގެ ދިރިއުޅުމުގެ "ހީރޯ" ކަމަށް އޭނާ ވަނީ ސިފަކޮށްފަ އެވެ.

މާހީ ވިޖް ވަނީ އޭނާގެ ކޮއްކޮއަށް ހޮސްޕިޓަލުން އެނދެއް ހޯދުމުގައި އެހީތެރިވެދިންކަމަށްޓަކައި ސޯނޫ ސޫދްއަށް ވަރަށް ހާއްސަ ޝުކުރެއް އަދާކޮށްފަ އެވެ. އުއްމީދު ގެއްލިފައި ވަނިކޮށް އުއްމީދު އާލާކޮށްދިން މީހަކީ ސޯނޫ ސޫދްކަން މާހީ ވަނީ ހާމަކޮށްފަ އެވެ.

ހަމަ މިއާއެކު މާހީ ވިޖް ވަނީ ސޯނޫ ސޫދްގެ އިތުރުން ވެސް އޭނާގެ ކޮއްކޮއަށް އެކި ގޮތްގޮތުން އެހީތެރިވެދިން އެންމެނަށް ޝުކުރު އަދާކޮށްފަ އެވެ. ކޮއްކޮގެ މަރުގެ ހަބަރާއިއި ގުޅިގެން މާހީ ހިއްސާކުރި ޕޯސްޓަށް އިންޑިޔާގެ އެހެނިހެން ޓެލެވިޒަން އެކްޓަރުން އަންނަނީ މާހީއާއި އާއިލާއަށް ހިތްވަރުދީ ކޮމެންޓު ކުރަމުންނެވެ.

ފާހަގަ ކޮށްލެވޭ ގޮތެއްގައި ސޯނޫ ސޫދް އަންނަނީ އިންޑިއާގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19ގެ ބަލި ތަހައްމަލް ކުރަމުންދާ މީހުންނަށް އެހީތެރިވަމުންނެވެ. އެގޮތުން ހޮސްޕިޓަލްތަކުން އެނދު ހޯދައި ދިނުމާއި އޮކްސިޖަން ހޯދައިދިނުމަށް އޭނާ އަންނަނީ މަސައްކަތްކުރަމުންނެވެ.