2012 އިން 2017 އާއި ހަމައަށް އިންޑިއާގެ ވެރިކަންކުރެއްވި ރައީސް ޕްރަނާބް މުކަރްޖީ މިއަދު އަވަހާރަވެއްޖެ އެވެ.

މުކަރުޖީ އަވަހާރަވީ ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ ވަޑައިގަތްކަން ޔަގީންވިތާ 21 ވަނަ ދުވަހު އެވެ.

އުމުރުފުޅުން 84 އަހަރުގެ މުކަރްޖީ ކޮވިޑަށް ޕޮޒިޓިވްވިކަން އެނގިފައިވަނީ ސިނކުޑީގައި އޮތް ކްލޮޓެއް އޮޕަރޭޝަން ކުރެއްވުމަށް ހޮސްޕިޓަލްގައި އެޑްމިޓްވެެގެން އޮންނަވަނިކޮށެވެ.

އެ މަނިކުފާނުގެ ދިގު 51 އަހަރުވީ ސިޔާސީ ހަޔާތްޕުޅުގައި ސަރުކާރުގެ ގިނަ މަގާމުތަކެއް ފުރުއްވާފައިވެ އެވެ.

އޭގެ ތެރޭގައި ފިނޭންސް، ފޮރިން އަދި ޑިފެންސް މިނިސްޓަރުގެ މަގާމު ވެސް ހިމެނެ އެވެ.

މުކަރްޖީގެ ފިރިހެން ދަރިކަލުން، އަބީޖީތް ވަނީ ބައްޕާފުޅު ނިޔާވި ހަބަރު ޓުވީޓެއް މެދުވެރިކޮށް ޔަގީންކޮށްދެއްވާފަ އެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯޑީ ވަނީ ޕްރަނާބް މުކަރްޖީ އެގައުމުގެ ތަރައްގީއަށް ކުރެއްވި މަސައްކަތްތައް ފާހަގަކޮށް ވަރަށް ބޮޑަށް ތައުރީފުކުރައްވާފަ އެވެ. -ބީބީސީ