ސޮނީ އެންޓަޓެއިންމަންޓުން ދައްކާފައިވާ މަގުބޫލު ޑްރާމާ ސިލްސިލާ "ކުޗް ރަންގް ޕިޔާރުކޭ އޭސޭބީ"ގެ ސީޒަން 3 ވަރަށް އަވަހަށް ފަށާނެ ކަމަށް ސޮނީން ބުނެފި އެވެ.

ކުޗް ރަންގް ޕިޔާރުކޭ އޭސޭބީގެ ސީޒަން އެކެއް 2016 ވަނަ އަހަރު ފަށައި، އޭގެ އަހަރެއް ފަހުން މެދު ކަނޑާލި އެވެ. ނަމަވެސް 2017 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ޝޯގެ ދެވަނަ ސީޒަން އެއް ފަށާފައިވެ އެވެ.

އެރިކާ ފަރްނޭންޑިސް އަދި ޝަހީރް ޝެއިކް ލީޑް ރޯލްއިން ފެނިގެންދާ ލޯބީގެ މި ޑްރާމާ ސިލްސިލާއަކީ ގިނަ ބައެއްގެ ފަރާތުން ބޮޑު ތަރުހީބެއް ލިބުނު ޑްރާމާ އެކެވެ.

މި ޑްރާމާގެ ތިން ވަނަ ސީޒަން ފަށަން އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާއިރު މިހާރު މިވަނީ މި ޝޯގެ ދެވަނަ ޕްރޮމޯއެއް ރިލީޒް ކޮށްފަ އެވެ. ފުރަތަމަ ޕްރޮމޯ ރިލީޒް ކޮށްފައިވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހު އެވެ. އެގޮތުން ދެވަނަ ޕްރޮމޯއިން ފެނިގެން ދަނީ ދޭވް (ޝަހީރް) އަދި ސޮނާކްޝީ (އެރިކާ)ގެ ބަދަލުވަމުންދާ ދިރިއުޅުމުގެ މަންޒަރެކެވެ.

https://www.facebook.com/watch/?v=2888166684766515&extid=CL-UNK-UNK-UNK-AN_GK0T-GK1C

އެރިކާ އަދި ޝަހީރް މި ދެ ތަރިން ވެސް ތިބީ ޝޯގެ މުޅިން އާ ސީޒަނެއް ފެށޭތީ ވަރަށް އުފާވެފައި ކަމަށާއި ދޭވް އަދި ސޮނާކްޝީގެ ރޯލު އަލުން ކުޅުމަށް ކެތްމަދުވެފައިވާކަން މި ދެ ތަރިން ވަނީ ހާމަކޮށްފަ އެވެ. ދޭވް އަދި ސޮނާކްޝީގެ ރޯލުން މި ދެ ތަރިންނަށް ވަނީ އާންމުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވެ އެވެ.

އެރިކާ އިތުރަށް ބުނިގޮތުގައި ޝޯގެ މުޅި ކާސްޓާއެކީ އަލުން މަސައްކަތް ކުރުމަށް ލިބިގެން ދިޔުމަކީ ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ.