އިންޑިއަން ޓެލެވިޒަން އަދި ބޮލީވުޑްގެ ފިލްމު ތަކުން މަޝްހޫރުވެގެން ދިޔަ ނީނާ ގުޕްތާއަށް ސަތީޝް ކައުޝިކް ކައިވެނި ހުށަހެޅި ކަމަށް އޭނާ ބުނެފި އެވެ.

ނީނާ ގުޕްތާ އޭނާގެ ބަޔޮގްރަފީ"ސަޗް ކަހޫން ތޯ"ގައި ހާމަކޮށްފައިވާ ގޮތުގައި އޭނާގެ އެކުވެރިޔާ އަދި މަޝްހޫރު އެކްޓަރު، ޑައިރެކްޓަރު ސަތީޝް ކައުޝިކް އޭނާ އާއި ކައިވެނި ކުރުމަށް ހުށަހެޅި އެވެ. އަދި ދަރިފުޅު މަސާބާއަކީ އޭނާގެ އަމިއްލަ ދަރިއެއްގެ ގޮތުގައި ބަލައިގަންނާނެ ކަމަށް ވެސް ސަތީޝް ކައުޝިކް ބުނެފައިވާ ކަމަށް ނީނާ ގުޕްތާ ބުންޏެވެ.

ނީނާ ގުޕްތާގެ ޒުވާން ދުވަސްވަރު އޭނާ ވަނީ ހުޅަނގު އިންޑިއާގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ ވިވިއަން ރިޗަޑް އާ ލޯބީގެ ގޮތުން ގުޅިގެން އުޅެފަ އެވެ. އަދި އެ ދެ މީހުންނަށް ވަނީ ދަރިޔަކު ވެސް ލިބިފަ އެވެ. އެއީ މިހާރު މަޝްހޫރު ފެޝަން ޑިޒައިނަރެއް ކަމަށްވާ މަސާބާ އެވެ.

ފާހަގަކޮށްލަންޖެހޭ ގޮތުގައި ނީނާ ގުޕްތާއަކީ އެކަނިވެރި މަންމަ އެކެވެ. ދަރިފުޅު ބެލުމަށް އޭނާ އަށް އެހީތެރިކަން ފޯރުކޮށްދީފައި ވަނީ އޭނާގެ ބައްޕަ ކަމަށް ނީނާ ވަނީ ބުނެފަ އެވެ.

އެކަނިވެރި މަންމައެއްގެ ގޮތުގައި ދަރިފުޅު ބޮޑުކުރުމުގައި ވަރަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށް ނީނާ ވަނީ ބުނެފަ އެވެ. އުމުރުން ފަންސާހުގެ އަހަރުތަކުގައި ނީނާ ގުޕްތާ ވަނީ ވިވެކް މެހެރާ އާއި ކައިވެނީގެ ގޮތުން ގުޅިފަ އެވެ. އަދި ކައިވެންޏަށް ފަހު އޭނާ ބޭނުންވީ އެކްޓިންއާ ދުރުވެލާ އަރާމުކޮށްލުމަށް ކަމަށް ނީނާ ވަނީ ބުނެފަ އެވެ.