ރާއްޖެއިން ބޭރުގައި ހުންނެވި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އެދުނު ގޮތަށް ޝަރީއަރް ކުރިއަށް ގެންދާ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ހައިކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.

ޕީޖީ އޮފީހުގެ އޮފިޝަލަކު ވަނީ އެކަން ކަށަވަރުކޮޮށްދެއްވާފަ އެވެ. ކޯޓުގައި މައްސަލަ އޮއްވައި ރާއްޖެއިން ބޭރަށް ފުރާވަޑައިގެންނެވި އަލީ ވަހީދު ޝަރީއަތުގައި ބައިވެރިވަނީ ލަންޑަނުގައި ހުންނަ ދިވެހި އެމްބަސީ މެދުވެރިކޮށެވެ. އެ ޝަރީއަތް ބާއްވަނީ ޕީޖީ އޮފީހުން އެކަމާ ދެކޮޅު ހަދާފައި ވަނިކޮށެވެ.

ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވިގޮތުގައި ރާއްޖޭގެ ގާނޫނު ނުހިނގާ ތަނެއްގައި ހުރި މީހެއްގެ މައްސަލައެއް، ވީޑިއޯ ކޮންފަރެންސްކޮށް ޝަރީއަތް ހިންގުމަކީ ގާނޫނު ދަންނަ ކަމެއް ނޫނެވެ. އަލީ ވަހީދު، ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވި އިރު، އެ މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި އޭނާގެ މައްޗަށް ހަތް ދައުވާއެއް އުފުލާފައިވެއެވެ.

އަލީ ވަހީދުގެ މައްޗަށް ކުރެވޭ ދައުވާތަކުގެ ތެރޭގައި ޖިންސީ ގުނަވަން ދެއްކި ކަމުގެ ދައުވާ، ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދައުވާ، ރޭޕްކުރަން އުޅުމުގެ ކުށުގެ ދައުވާ، ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާ އާއި ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދައުވާގެ އިތުރުން، ހުއްދަނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ ދެ ދައުވާ ހިމެނެއެވެ.

އޭނާ ރާއްޖެ ދޫކުރައްވައި ފުރާވަޑައިގަތީ، ޕާސްޕޯޓް ހިފަހައްޓަން ކްރިމިނަލް ކޯޓުން ކުރިން ނެރުނު އަމުރު ބާތިލް ކުރުމުންނެވެ. އެ ގޮތަށް އެ އަމުރު ބާތިލް ކުރީ އެ ކަމުގައި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑޭ) ޒިންމާވާ ގޮތަށް ޖާމިނުވާ އެއްބަސްވުމެއް ވެސް ކޯޓަށް ހުށަހަޅައިގެންނެވެ.