ބޮލީވުޑް ސުޕަ ސްޓާރު ޝާހްރުކް ޚާން، އޭނާގެ ކުރިޔަށް އޮތް ފިލްމު "ޕަތާން"ގެ ޝޫޓިންތައް އަލުން ފަށައިފި އެވެ.

"ޕަތާން" ގެ ޝޫޓިންތައް ފަށާފައި ވަނީ މުމްބާއީގެ ޔާޝްރާޖް ސުޓޫޑިއޯގަ އެވެ. މި ޝޫޓިންތައް 18 ދުވަހަށް ދެމިގެންދާނެ އެވެ.

މި ފިލްމަކީ 2018 ވަނަ އަހަރު ނުކުތް ޝާހްރުކްގެ ފިލްމު "ޒީރޯ"އަށް ފަހު ނުކުންނަ ފުރަތަމަ ފިލްމުކަން ފާހަގަކޮށްލެވެ އެވެ. މިއީ ޝާހްރުކް ޚާން އޭނާގެ 29 އަހަރުވީ ފިލްމީ ކެރިއަރުގައި ދެ ފިލްމެއްގެ ދޭތެރޭ މިހާ ބޮޑު ބްރޭކެއް ނެގި ފުރަތަމަ ފަހަރުކަން ވެސް ފާހަގަކުރެވެ އެވެ.

"ޕަތާން" ރިލީޒްކުރަން ހަމަޖެހިފައި ވަނީ 2022 ވަނަ އަހަރުގެ އީދާ ދިމާކޮށްގެން ކަމަށް ބޮލީވުޑް ހަބަރުތައް ގެނެސްދޭ މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފަ އެވެ. އެހެން ނަމަވެސް މިފިލްމުގެ ޕްރޮޑިއުޝަރުންގެ ޓީމުން މި ފިލްމު ނެރޭނެ ދުވަހެއް ހާމަކޮށްފައެއް ނުވެ އެވެ.

މުމްބާއީގެ ޝޫޓިންތައް ނިންމާލުމަށްފަހު ޝާހްރުކް ޚާން އާއި ފިލްމުގެ ޓީމް ކުރިޔަށް ހުރި ޝޫޓިންތައް ފުރިހަމަކުރަން ޔޫރަޕްގެ ގައުމަކަށް ފުރާނެ ކަމަށް އެނގިފައިވެ އެވެ. ހުރިހާ ކަމެއް ހަމަޖެހިފައިވާ އުސޫލުން ކުރިޔަށް ގެންދެވޭ ނަމަ އަންނަ އޮގަސްޓް މަހަށް މި ފިލްމުގެ ޝޫޓިންތައް ނިންމާލެވޭނެކަން ވަނީ ބުނެފަ އެވެ.

"ޕަތާން" ގައި ޝާހްރުކް ޚާންގެ އިތުރުން ދީޕިކާ ޕަދުކޯން، ޖޯން އަބްރަހަމް އަދި ޑިމްޕަލް ކަޕާޑިއާ އެކި ރޯލުތަކުން ފެންނާނެ އެވެ. އަދި މީގެ ހާއްސަ ފެނިލުމަކުން ސަލްމާން ޚާން ވެސް ފެންނާނެ އެވެ.

އަދިތިޔާ ޗޯޕްޅާގެ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ހަދާ "ޕަތާން" އަކީ އެ ސްޓޫޑިއޯގެ 2019 ގެ "ވޯ" ގެ ޑައިރެކްޓަރު ސިދާތު ހަދާ ފިލްމެކެވެ.