މިދިޔަ އޮގަސްޓް މަހު ނެރުނު ކާމިޔާބު ފިލްމު "ޚުދާ ހާފިޒް"ގެ ދެވަނަ ބައެއް އުފެއްދުމުގެ މަސައްކަތްތައް ފަށައިފި އެވެ.

ފިލްމުގެ ލީޑު ތަރި އެކްޓަރު ވިދްޔުތް ޖަމްވާލް ވަނީ ފިލްމުގެ ދެވަނަ ބައިގެ މަސައްކަތް ފެށިކަން އިއުލާންކޮށްފަ އެވެ. ހުކުރު ދުވަހު ފޮޓޯއެއް ޕޯސްޓްކުރުމަށް ފަހު ފިލްމުގެ ސްކްރިޕްޓް ކިޔުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އޭނާ ވަނީ ބުނެފަ އެވެ. މި ފޮޓޯގައި ފިލްމުގެ އަންހެން ލީޑު ރޯލުން ފެނިގެންދާ ޝިވަލީކާ އޮބްރޯއީ ވެސް ވިދްޔުތްއާއެކު ފެނިގެންދެ އެވެ.

މި ފިލްމުގެ ފުރަތަމަ ބައި ރިލީޒްކުރީ ޑިޒްނީ ޕްލަސް ހޮޓް ސްޓާ އިންނެވެ. ފަރުކް ކަބީރުގެ ޑައިރެކްޝަނުގެ ދަށުން މި ފިލްމު ގެނެސްދޭއިރު ޚުދާ ހާފިޒް ޕްރިޑިއުސްކޮށްފައި ވަނީ ކުމާރު މަންގަތު ޕަތަކްއާއި އަބީޝޭކް ޕަތަކް އެވެ."ޚުދާ ހާފިޒް" ގެ ޝޫޓިންތައް ނަގާފައި ވަނީ އުޒްބެކިސްތާންގަ އެވެ.

ވިދްޔުތް ޖަމްވާލް ވަނީ ދާދި ފަހުން ހޮލީވުޑްގެ އެންމެ ނަން ހިނގާ ޓެލެންޓް މެނޭޖްމަންޓް އޭޖެންސީ ވޮންޑަ ސްޓްރީޓާއެކު މަސައްކަތް ކުރަން ސޮއިކޮށްފަ އެވެ. މިއާއެކު ވިދުޔަތް ވެފައި މިވަނީ އެ އެޖެންސީއާއިއެކު ސޮއިކުރި ފުރަތަމަ ބޮލީވުޑް ތަރިއަށެވެ.