ބޭރުގެ ޑްރަގް ނެޓްވޯކަކަށް ރަހުނު ކޮށްފައިވާ ހދ. ނޮޅިވަރަންފަރު، މޯނިންވިއު، މިސްބާހު މުހައްމަދު 25، އާއިލާއަށް ގުޅާފައިވާކަމަށް އޮންލައިން ނޫސް "ވަގުތު"އިން ރިޕޯޓު ކޮށްފި އެވެ.

"ވަގުތު" ނޫހުގެ ރިޕޯޓުގައި ބުނީ، މީގެ ތިން ދުވަސް ކުރިން މިސްބާހުގެ ފޯނު ކޯލެއް އާއިލާއަށް ލިބުނު ކަމަށެވެ. އޭނާގެ ހާލު ރަނގަޅު ކަމަށާއި ވަރަށް އަވަހަށް ރާއްޖެ އަންނާނެ ކަމަށް މިސްބާހު ބުނި ކަމަށެވެ.

އޭނާ ގުޅާފައިވަނީ ޕާކިސްތާނު ނަމްބަރަކުން ކަމަށެވެ. އެކަމަކު އޭނާ މި ވަގުތު ހުރީ ޕާކިސްތާނުގައި ނޫން ކަމަށް މިސްބާހު ވަނީ އާއިލާ މީހުން ގާތު ބުނެފަ އެވެ.

މިސްބާހު ދެކެވުނު ވާހަކަތަކާއި ފޯނު ނަމްބަރުގެ މައުލޫމާތު އާއިލާއިން މިހާރު ވަނީ ފުލުހުންނާ ހިއްސާކޮށްފަ އެވެ. މިސްބާހުގެ ވިޑިއޯއެއްް މީގެ ކުރިން ވެސް ވަނީ އާއްމުވެފަ އެވެ. އެ ވީޑިއޯގައި މިސްބާހު ވަނީ ޑްރަގް ނެޓްވޯކެއްގެ ދަށުގައި އޭނާ ހުރި ކަމަށް ފުލުހުން ދައްކާ ވާހަކަތައް ދޮގުކޮށްފަ އެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުގެ ރޭ މިސްބާހު ވަނީ ދުބާއީ އަށް ގޮސްފަ އެވެ. އަދި ދުބާއީން ޕާކިސްތާނަށް ގޮސްފައިވާ ކަމަށް މީގެ ކުރިން ފުލުހުން ވަނީ ބުނެފަ އެވެ.

މިސްބާހު ދުބާއީއަށް ގެންދިޔައީ ފުޅާ ދާއިރާއެއްގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރި ކުރާ ނެޓްވޯކްތައް ރާއްޖޭގައި ހިންގި، ސ. ހުޅުދޫ، ދޭލިޔާގެ، އިރުފާން ތަގިއްޔު އެވެ. އިރުފާން އަކީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ އަށް ވަނަ ދުވަހު 'މަސްޖަރީ-2" ނަމަކަށް ކިޔާ ދޯނީގައި ކަނޑުމަގުން ރާއްޖެއަށް 72 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުގައި ފުލުހުންގެ ހައްޔަރު ކުރި މީހެކެވެ.

ޕާކިސްތާނުގައި ހުންނަ ރާއްޖޭގެ އެމްބަސީއަށް މިސްބާހު ދިޔަކަން ފޮރިން މިނިސްޓްރީން ވަނީ ކަށަވަރުކޮށްދީފަ އެވެ. އޭނާ އެމްބަސީއަށް ދިޔައީ ވިސާ ހަވަމުވާ ގުޅިގެންނެވެ.

އާއިލާ މީހުން ބުނެފައިވާ ގޮތުން މިސްބާހުއާ އެންމެ ފަހުން ބައްދަލުވެފައިވަނީ އޭނާގެ އުފަން ރަށް، ނޮޅިވަރަންފަރު އިން ނޮވެމްބަރު މަހުއެވެ. މިސްބާހު އަކީ ނަފްސާނީ މައްސަލަތަކެއްވެސް ހުންނަ މީހަކަށްވާތިވެ، އޭނާ އަކީ އަމިއްލަ އަށް ދަތުރުފަތުރު ކުރެވޭވަރު މީހެއް ނޫނެވެ.