މި މައްސަލަ ފެށުނީ ސްކޫޓާ 300 މިލިއަން ޑޮލަރަށް ޓެއިލާ ސްވިފްޓްގެ ބިގް މެޝިން ލޭބަލް ގުރޫޕް ގަތުމުންނެވެ. މި ގުރޫޕަކީ ޓެއިލާގެ ފުރަތަމަ ހަ ސްޓޫޑިއޯ އަލްބަމްގެ ވެރިފަރާތެވެ.

ސްކޫޓާއަށް ވަނީ މި މައްސަލައިގައި ގިނަ ބައެއްގެ ފާޑުކިޔުންތަކެއް އަމާޒުވެފަ އެވެ. ޓެއިލާގެ ސަޕޯޓަރުން ވަނީ ބުރަ މަސައްކަތުން ޓެއިލާ ހޯދި އައިޕީ އެއާ އެކަށީގެންވާ އަގަކާ ނުލައި ވަގަށް ނެގީ ކަމަށް ބުނެ ސްކޫޓާއަށް ބުލީކޮށްފަ އެވެ.

މި މައްސަލަ ފެށުނު ފަހުން ޓެއިލާ އަންނަނީ އޭނާގެ އަލްބަމްތައް އަލުން ރިކޯޑު ކުރަމުންނެވެ.

މީޑިއާ ރިޕޯޓްތަކުގައި ވަނީ ސްކޫޓާ ބްރައުން ވަނީ ފަހުން ޓެއިލާގެ މާސްޓާ ޕީސް 300 މިލިޔަން ޑޮލަރަށް ޝަމްރޮކްއަށް ވިއްކާލައިފަ އެވެ.

އޮންލައިން ޕޯޓަލްއަކަށް ދިން އިންޓަވިއުއެއްގައި ސްކޫޓާ ވަނީ އޭނާއަށް ޓެއިލާ ކޮށްފައިވާ ތުހުމަތުތަކާ ގުޅިގެން ވާހަކަދައްކާފަ އެވެ. އެގޮތުން ސްކޫޓާ ބުނީ ހިނގާދިޔަ ހުރިހާ ކަމަކީ ވަރަށް އޮޅުންބޮޅުން ބޮޑު ކަންތައްތަކެއް ކަމަށާއި ޓެއިލާއަށް އިވިފައި ވަނީ ކޮން ވާހަކަ އެއް ކަން ނޭނގޭ ކަމަށެވެ. އަދި އެތައް ފަހަރެއްގެ މަތިން އޭނާ ވަނީ ޓެއިލާއާ ބައްދަލުކޮށް ވާހަކަ ދެއްކޭތޯ މަސައްކަތްކޮށްފައި ކަމަށް ވެސް އޭނާ ބުންޏެވެ.

ނަމަވެސް ޓެއިލާ ވަނީ އެކަމަށް އިންކާރުކޮށްފައި ކަމަށް ސްކޫޓާ ބުންޏެވެ. އެ ކެޓަލޮގް އަނބުރާ ޓެއިލާއަށް ވިއްކާލުމަށް ވެސް ސްކޫޓާ ހުށަހެޅި ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ. ނަމަވެސް ޓެއިލާގެ ޓީމުން އެ ގޮތާ ގަބޫލުނުވީ އެވެ.

ކޮންމެ ކަމެއްގައި ވެސް ދެ ފަރާތުން ވާހަކަ ދައްކައިގެން ހައްލު ހޯދުމަކީ މުހިއްމުކަމެއް ކަމަށް ސްކޫޓާ ދެކެ އެވެ.

އޭނާ ޓެއިލާއާ ބައްދަލުވީ ދެތިން ފަހަރެއްގަ ކަމަށާއި ޓެއިލާއަކީ ވަރަށް މީހުންނާއި ރައްޓެހި ރަނގަޅު މީހެއްގެ ގޮތުގައި ސްކޫޓާ ވަނީ ސިފަ ކޮށްފަ އެވެ. އަދި ޓެއިލާއަކީ ވަރަށް ހުނަރުވެރި އާޓިސްޓެއް ކަމަށާއި އޭނާ އެދެނީ އަބަދުވެސް ޓެއިލާއަށް ކާމިޔާބީ ކަމަށް ސްކޫޓާ ބުންޏެވެ.

ޓެއިލާ ވަނީ އޭނާގެ ހުއްދައާ ނުލައި އޭނާގެ މާސްޓާ ރިކޯޑިންތައް ވިއްކިކަމުގެ ތުހުމަތު ސްކޫޓާއަށް ކޮށްފަ އެވެ.