އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހަށް މައުންޓް ފުޖީގެ ކުރެހުމެެއް ހޯދަން އިއުލާންކޮށްފި އެވެ.

ސަރުކާރުގެ ގެޒެޓުުގައި އެ އޮފީހުންކުރި އިއުލާނެއްގައި ވަނީ އެ އޮފީސް ޒީނަތްތެރިކުރުމަށް ބޭނުންވާ ތަކެއްޗާއި ފަރުނީޗަރުތައް ހޯދަން އިއުލާންކޮށްފަ އެވެ. އެގޮތުން ބޭނުންވާ ތަކެތީގެ ލިސްޓެއް އާންމުކޮށްފައިވާއިރު އޭގެ ތެރޭގައި ފާރުގައި ހަރުކުރާ ފޮޓޯތަކާއި، ކާޕެޓާއި، ރަބަރު ގަސްތަކާއި، ގަސް އިންދާ ޕޮޓު ފަދަ ތަކެތި ހިމެނެ އެވެ.

އިއުލާނުގައި ބުނެފައި ވަނީ، އެ ހުރިހާތަކެއްޗަކީ ވެސް އިކިއާ ބްރޭންޑުގެ ތަކެއްޗެއް ވާން ޖެހޭނެ ކަމަށެވެ. އިއުލާނުގައި ސީދާ ބޭނުންވާ ތަކެތީގެ އައިޓެމް ކޯޑު ވެސް ވަނީ ހިމަނާފަ އެވެ.

މިއީ ދައުލަތުގެ މާލިއްޔަތު ގަވާއިދާއި ހިލާފަށްކޮށްފައިވާ އިއުލާނެކެވެ.

މާލިއްޔަތު ގަވާއިދުގެ 10.36 ވަނަ މާއްދާގެ (ބ) ގައި ބުނެފައިވާ ގޮތުގައި، ބީލަމެއްގައި ބޭނުންވާ ކަންތައް ކަނޑައެޅުމުގައި، އެކަމެއް ބުނެދެވޭނެ ނުވަތަ ތަފްސީލު ދެވޭނެ އެއްވެސް ގޮތެއް ނެތް ހިނދެއްގައި މެނުވީ ވަކި ބްރޭންޑް ނަމެއް، ޑިޒައިނެއް، ޓްރޭޑްމާކެއް، ވައްތަރެއް، އަސްލު އުފައްދާ ފަރާތް ނުވަތަ ކެޓަލޮގަކަށް ރިއާޔަތްކޮށްގެން ނުވާނެ ކަމަށެވެ.

އޮމްބަޑްސް ޕާސަންގެ އޮފީހުން ކުރި އިއުލާނުގައި ވަނީ އިކިއާ ބްރޭންޑުގެ ތަކެތި ހޯދުމަށެވެ.