ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނާއި އެ ތަނުގެ އިސްވެރިންގެ ކަރާމަތަށް އުނިކަން ލިބޭ ގޮތަށް ބައެއް މީޑިއާތަކާއި ސޯޝަލް މީޑިއާގައި ޚަބަރު ފަތުރާ ކަމަށް އެ ކޮމިޝަނުން ސަރުކާރަށް ހުށަހަޅާފައިވާ މައްސަލަ ބަލައިދިނުމަށް ރައްޔިތުންގެ މަޖިލީހުން، މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގައި އެދިއްޖެ އެވެ.

އޮންލައިން ނޫސް "މިހާރު"އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެ މައްސަލަ ބަލައި ދިނުމަށް އެދި މަޖިލީހުން މިހާރު ވަނީ އެމްއެމްސީ އަށް ސިޓީއެއް ފޮނުވައިފަ އެވެ. އެކަމާ ގުޅިގެން އަދި އެމްއެމްސީން އެއްވެސް މައުލޫމާތެއް ހާމައެއް ނުކުރެ އެވެ.

އިންޑިއާގެ ހައި ކޮމިޝަނުން މިދިޔަ ބުރާސްފަތި ދުވަހު ރާއްޖޭގެ ފޮރިން މިނިސްޓްރީއަށް ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ، ރާއްޖޭގެ ބައެއް މީޑިއާތަކުގައި ޝާއިއުކުރި ލިޔުންތަކަކާއި ސޯޝަލް މީޑިއާ ޕޯސްޓްތަކުގައި ހައި ކޮމިޝަނާއި އެ ތަނުގެ ވެރިންނާއި ޑިޕްލޮމެޓިކް މުވައްޒަފުންގެ ކަރާމަތަށް ހަމަލާ ދީފައިވާ ކަމަށެވެ.

އަދި ފޮރިން މިނިސްޓްރީއަށް ސިޓީ ފޮނުވީ އެކަން ދިވެހި ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ކަމަށެވެ. އެ ސިޓީގައި އިތުރަށް ބުނެފައި ވަނީ، އިންޑިއާގެ ހައި ކޮމިޝަނާއި އެތަނުގެ އިސްވެރިންގެ ކަރާމަތަށް ހަމަލާދޭ ކަމަށް އެ ތަނުން ގަބޫލުކުރާ މީޑިއާގެ ލިޔުންތަކާއި ސޯޝަލް މީޑިއާ ޕޯސްޓްތައް ލިޔުނު މީހުންނާ ދެކޮޅަށް ފިޔަވަޅު އަޅައިދޭން އެދޭ ކަމަށެވެ.

މީގެ އިތުރުން ޑިޕްލޮމެޓުންގެ ރައްކާތެރިކަމާ ބެހޭ ބައިނަލްއަގްވާމީ މުއާހަދާ "ވިއެނާ ކޮންވެންޝަން އޮން ޑިޕްލޮމެޓިކް ރިލޭޝަންސް"ގެ 29 ވަނަ މާއްދާ ދިވެހި ސަރުުކާރަށް އިންޑިއާއިން ވަނީ ހަދާންކޮށްދީފަ އެވެ. އެ މާއްދާގައި ބުނަނީ، ޑިޕްލޮމެޓިކް މިޝަން ހުންނަ ގައުމުން ޑިޕްލޮމެޓުންނަށް ހާއްސަ ރައްކާތެރި ކަމެއް ދޭން ޖެހޭނެ ކަމަށެވެ. ޑިޕްލޮމެޓުގެ ޒާތަށާއި މިނިވަން ކަމަށް އަދި ކަރާމަތަށް ދޭ ހަމަލާތަކުން ދިފާއުކުރަން މިޝަން ހުންނަ ގައުމުން ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް ވެސް އެ މާއްދާގައި އޮވެ އެވެ.

އެ ސިޓީގައި ތުހުމަތުކޮށްފައިވާ ގޮތުގައި ބައެއް މީޑިއާތަކާއި ސޯޝަލް މީޑިއާގައި ޖެހި ލިޔުންތަކުގައި އަމާޒުކޮށްފައި ވަނީ އިންޑިއާގެ ހައި ކޮމިޝަނާއި ހެޑް އޮފް މިޝަން އަދި ޑިޕްލޮމެޓިކް މުވައްޒަފުންނާ މެދު ނަފުރަތާއި ހަމަނުޖެހުން އުފެއްދުމަށެވެ. އެހެންވެ، މައިގަނޑު ދެ ފިޔަވަޅެއް އަޅައިދޭން ހައި ކޮމިޝަނުން އެދިފައިވެ އެވެ.

އޭގެ ތެރެއިން އެއްކަމަކީ އިންޑިއާގެ ހައިި ކޮމިޝަނާއި ޑިޕްލޮމެޓުންގެ ސަލާމަތާއި ރައްކާތެރި ކަމަށް އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކޮށްދިނުމެވެ. ދެ ވަނަ ކަމަކީ ނަަފުރަތާއި ހަމަނުޖެހުން އުފައްދަން މަސައްކަތް ކުރާ ފަރާތްތަކާ ދެކޮޅަށް، ބައިނަލްއަގުވާމީ ގާނޫނުތަކާއި ރާއްޖޭގެ ގާނޫނުތަކުގައިވާ ފިޔަވަޅުތައް އަޅައިދިނުމެވެ.

އިންޑިއާ ހައިކޮމިޝަނުުން ދިވެހި ސަރުކާރަށް ފޮނުވި އެ ސިޓީއާ ގުޅިގެން އާއްމުންގެ އެތަށް ބަޔަކު ދަނީ އިންޑިއާއަށް ފާޑު ކިޔަމުންނެވެ.