ކެލިފޯނިއާ (02 ޖުލައި) - ދުނިޔޭގެ އެންމެ ބޮޑު ސޯޝަލް މީޑިއާ ޕްލެޓްފޯމް ކަމަށްވާ ފޭސްބުކްއިން އެ ކުންފުނީގެ ކަސްޓަމަރުންނަށް ހައްދުފަހަނައަޅާފައިވާ ޕޯސްޓްތައް ކަމަށް ބެލެވޭ ޕޯސްޓްތަކުގެ އިންޒާރު ދޭން ފަށައިފި އެވެ.
ޓުވިޓާގައި އާއްމުން ހިއްސާ ކުރަމުންދާ ސްކްރީން ޝޮޓްތަކުގައި ހައްދު ފަހަނައަޅާފައިވާ ޕޯސްޓްތައް ކަމަށް ބެލެވޭ ޕޯސްޓްތަކުގެ ނޯޓިފިކޭޝަަން އެކުންފުނީގެ ކަސްޓަމަރުންނަށް ފޮނުވާފައިވާތަން ފެނެ އެވެ. އަދި މިއީ ހަގީގަތެއް ކަމަށް އެ މީހަކަށް ފެންނަ ނަމަ އެ ޕޯސްޓެއް ރިޕޯޓުކޮށް އެހީ ހޯދުމުގެ މަގު ވެސް ފޭސްބުކްއިން ވަނީ ފަހި ކޮށްދީފަ އެވެ.
ފޭސްބުކްއަށް ވަނީ މީގެ ކުރިން ވެސް ހަމަނުޖެހުންތަކަށް ހިތްވަރުދޭ ޕޯސްޓްތަކާއި ހައްދުފަހަނައަޅާފައިވާ ޕޯސްޓުތައް އެ މީޑިއާގެ ޕްލެޓްފޯމުން ނެގުމަށް ގިނަ ފަރާތްތަކަކުން ފިއްތުންތައް ކުރިމަތިކުރުވައިފަ އެވެ.
އޭގެ ތެރޭގައި އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެ ގައުމުގައި ހަމަނުޖެހުންތަކަށް ގޮވާލައި އާއްމުކުރި ޕޯސްޓުތަކާ ގުޅިގެން ކުރިމަތިވި ފިއްތުންތައް ހިމެނެ އެވެ. އެ މައްސަލައިގައި ޓްރަމްޕްގެ ފޭސްބުކް އެކައުންޓް ވަނީ ދެ އަހަރަށް ސަސްޕެންޑް ކޮށްފަ އެވެ.
ފޭސްބުކްއިން ބުނީ މިއީ އެކުންފުނީގެ ކަސްޓަމަރުންނަށް ފުރިހަމަ ރައްކާތެރިކަން ފޯރު ކޮށްދިނުމުގެ ގޮތުން ކުރިއަށް ގެންދާ މަސައްކަތްތަކުގެ ތެރެއިން މަސައްކަތެއް ކަމަށެވެ. މި އަޕްޑޭޓް މުޅި ދުނިޔެއަށް ހޮޅުވާލުމުގެ ކުރިން އެމެރިކާގައި ޓެސްޓު ބުރެއް ކުރިއަށް ގެންގޮސްފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ފޭސްބުކްއިން އެ ޕްލެޓްފޯމްގައި އާއްމުކުރާ ޕޯސްޓްތަކާ ބެހޭ ގަވާއިދުތައް ހަރުކަށި ކޮށްފައިވާއިރު، އެ ގަވާއިދުތަކާ ޚިލާފުވެ، އަނިޔާވެރިކަމާއި ހަމަނުޖެހުންތަކަށް ހިތްވަރު ދިނުމުގެ ގޮތުން އާއްމު ކުރާ ޕޯސްޓްތައް އެ ޕްލެޓްފޯމުން ނަގަމުން ދާ ކަމަށް އެ ކުންފުނިން ބުންޏެވެ. --ރޮއިޓާސް