ހާޓް އެޓޭކެއް ޖެހިގެން މިދިޔަ އަހަރު ކުއްލިގޮތަކަށް މަރުވި ލެޖެންޑްރީ ކޮރިއޮގްރާފަރު ސަރޯޖް ޚާންގެ ހަޔާތަށް ފިލްމެއް އުފައްދަން ނިންމައިފި އެވެ. މިކަން އިއުލާން ކޮށްފައިވަނީ ޓީ ސީރީޒްގެ ވެރިޔާ ބޫޝާން ކުމާރް އެވެ.

ސަރޯޖް އަކީ ހަމައެކަނި ކޮރިއޮގްރާފަރެއް ނޫންކަމާއި ހިންދީ ސިނަމާގެ ނެށުންތަކަށް އިންގިލާބެއް ގެނެސްދީފައި ވަނީ ވެސް ސަރޯޖް ކަމުގައި ބޫޝަން ވަނީ ބުނެފަ އެވެ. އަދި އާޓް ފޯމްތަކަށް ސަރޯޖް ގެނެސްދީފައި ވަނީ ވަރަށް ބޮޑު ފުރިހަމަކަމެއް ކަމަށާއި މި ބަޔޯޕިކް ހެދުމަށް އެއްބަސްވިކަމަށްޓަކައި ސަރޯޖް ދެ ކުދިން ކަމަށްވާ ސުކަނިޔާ އަދި ރާޖޫ އަށް ބޫޝަން ވަނީ ވަރަށް ހާއްސަ ޝުކުރު އަދާކޮށްފަ އެވެ. މަންމަގެ ހަޔާތުގެ މައްޗަށް ފިލްމެއް އުފައްދާތީ ސަރޯޖްގެ ދެކުދިން ތިބީ ވަރަށް އުފަލުންނެވެ.

އުމުރުން އެންމެ ތިން އަހަރުގައި ނެށުމުގެ ދާއިރާއަށް ނުކުމެ ސަރޯޖް ވަނީ ބޮޑެތި ކާމިޔާބީތަކެއް ހާސިލްކޮށްފަ އެވެ.

އިންޑިއާގައި ދޭ އެންމެ ޝަރަޕުވެރި އެވޯޑް ފިލްމް ފެއާ އެވޯޑްގައި އެންމެ ފުރަތަމަ ފަހަރަށް ކޮރިއޮގްރާފަރުގެ އެވޯޑް އުފުލާލި ތަރިއަކީ ވެސް ސަރޯޖް ހާން އެވެ.

މީގެ އިތުރުން އޭނާގެ ކެރިއަރުގައި އޭނާވަނީ ދަތި ދުވަސްތަކެއް ވެސް ކަޑައްތު ކޮށްފަ އެވެ. އުމުރުން 12 އަހަރުގައި ސަރޯޖް ވަނީ އެސިސްޓެންޓް ކޮރިއޮގްރާފާއަކަށް ވެފަ އެވެ. އަދި އޭނާ ވަނީ 3،500 އެއްހާ ލަވަ ކޮރިއޮގްރާފް ކޮށްދީފަ އެވެ.

ސަރޯޖް ޚާން ކޮރިއޮގްރާފަރު ހަދާދީފައިވާ މަޝްހޫރު ލަވަތަކުގެ ތެރޭގައި އެކް ދޯ ތީން, ހަވާ ހަވާއީ, ދަކް ދަކް ކަރްނޭލަގާ، ނިބުޑަ ނިބުޑާ، ޑޯލަރެ ޑޯލާ، އަދި ޗޯލީކޭ ޕީޗޭ ކިޔާހޭ ފަދަ ލަވަތައް ހިމެނެ އެވެ.