ކަރަން ޖޯހަރުގެ ފިލްމުތަކަކީ އަބަދުވެސް ގިނަ ތަރިންތަކެއް ހިމަނައިގެން ހަދާ އަދި ގިނަ ބައެއްގެ މެދުގައި ބޮޑު ތަރުހީބެއް ލިބެމުން އަންނަ ފިލްމުތަކެކެވެ.

ކަރަންގެ އަންނަ އޮތް ފިލްމަކީ ވެސް ލީޑް ރޯލުން މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދާނެ ފިލްމެއްކަމުގައި އިންޑިއާގެ ނޫސްތަކުން ވަނީ ރިޕޯޓް ކޮށްފަ އެވެ. ފަސް އަހަރުގެ ބޮޑު ބްރޭކްއަކަށްފަހު ކަރަން ޑައިރެކްޓް ކުރާ މި ފިލްމާއި ބެހޭގޮތުން ކަރަން އިއްޔެ މިވަނީ ޓުވިޓާގައި މައުލޫމާތު ހިއްސާކޮށްފަ އެވެ.

އެގޮތުން މި ފިލްމުގެ ނަމަކީ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ކަން ކަރަން ވަނީ ހާމަކޮށްފަ އެވެ. ފިލްމުގެ ލީޑްރޯލުން ފެނިގެންދާނެ ތަރިންނަކީ އާލިއާ ބަޓް އަދި ރަންވީރު ސިންގް އެވެ. ފާހަގަކޮށްލެވޭ ގޮތުގައި އާލިއާ އަދި ރަންވީރުގެ އިތުރުން މި ފިލްމުގައި ދެން ފެނިގެންދާނެ ތަރިންނަކީ ދަރުމެންދުރަ، ޖަޔާބަޗަން، ޝަބާނާ އާޒްމީ އެވެ.

ބޮޑު ކާސްޓެއް ހިމަނައިގެން އުފައްދާ މި ފިލްމަކީ ފެމެލީ ޑްރާމާ އެއް ކަމާއި ފިލްމުގައި އާއިލީ ވަރުގަދަ ޖަޒުބާތުތަކެއް ފެނިގެންދާނެ ކަމަށް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ބުނެ އެވެ. ހައެއްކަ މަހުގެ ޝޫޓިން ޝެޑިއުލަކާއި މި ފިލްމުގެ މަސައްކަތް އަންނަ ސެޕްޓެމްބަރު މަހު ފަށަން ކަރަން ޕްލޭން ކުރާކަމަށް ވެސް ޓީމުން ބުނެ އެވެ.

ކަރަން އެންމެފަހުން ޑައިރެކްޓްކޮށްފައި ވަނީ 2015 ވަނަ އަހަރު ރަންބީރު ކަޕޫރު އަދި އަނުޝްކާ ޝަރުމާ ފެނިގެންދިޔަ "އޭ ދިލްހެ މުޝްކިލް" އެވެ.