ރައްޔިތުންގެ މަޖިލީހުގައި އޮތީ އެމްޑީޕީގެ ސުޕަ މެޖޯރިޓީގައި ބަދަލުގައި ފިޑިި މެޖޯރިޓީއެއް ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއީލް އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސް ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށަހެޅުއްވި ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ ބިލު އަނބުރާ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވާލަން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ވަނީ ނިންމައިފަ އެވެ.

އެ ބިލަށް އިސްލާހު ގެނައުމުގެ ބިލު ދިރާސާކޮށް ޖުޑިޝަރީ ކޮމިޓީން އެކުލަވާލި ރިޕޯޓަށް ބަހުސް ކުރަމުން މީކާއީލް ވަނީ ސަރުކާރުން އެ ބިލު ދިފާއުކުރަން އެއްވެސް މަސައްކަތެއް ނުކުރައްވާތީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން މީކާއިލް ވިދާޅުވީ، ރައްޔިތުން އެމްޑީޕީއަށް ސަރުކާރާއި މަޖިލީހުގެ އައުލަބިއްޔަތު ދިނީ އިންސާފު ހޯދުމުގެ އުއްމީދުގައި ކަމަށެވެ.

އެގޮތުން އިންތިހާބުތަކާ ދިމާކޮށް އެމްޑީޕީގެ ކޮންމެ މެންބަރަކު ވެސް ދެއްކެވީ މަރާލާފައިވާ ދީނީ އިލްމުވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަފްރާޝީމް އަލީއާއި، ނޫސްވެރިޔާ އަހްމަދު ރިލްވާންއާއި، ބްލޮގަރު ޔާމީން ރަޝީދުގެ އާއިލާތަކަށް އިންސާފު ހޯދުން ކަމަށް މީކާއީލް ވިދާޅުވި އެވެ.

ނަމަވެސް މިއަދު އެ މެމްބަރުންގެ ފަރާތުން ފެންނަނީ ނުރައްކާތެރިކަން އައި ސަބަބު ނައްތާލަން ހުށަހެޅުނު ބިލެއް "އޮޅާލާ ޖަހަން" ފޮނުވާލުމުން ދައްކާނެ ވާހަކައެއް ނެތް ކަމަށް މީކާއީލް ވިދާޅުވި އެވެ.

"އެމްޑީޕީގެ ސުޕަ މެޖޯރިޓީއެއް ނޫން. ސުޕަ 65 މެންބަރުންނެއް ނޫން. ފިނޑި މެޖޯރިޓީއެއް. ފިނޑި 65 މެންބަރުން މި ތިއްބެވީ،" މީކާއީލް ވިދާޅުވި އެވެ.

އެ ބިލަކީ މެންބަރު ހިސާން ހުށަހެޅުއްވި ބިލެއްގެ ގޮތުގައި ސިފަ ކުރާތީ ވެސް މީކާއީލް ވަރަށް ބޮޑަށް ސަރުކާރަށް ފާޑުވިދާޅުވި އެވެ. އެ ގޮތުން އެ ބިލަކީ މެންބަރު ހިސާންގެ ބިލެއް ނޫން ކަމާއި ރައީސް އިބްރާޙީމް މުހައްމަދު ސޯލިހްއާއި އެމަނިކުފާނުގެ ކޯލިޝަން ބައިވެރިންގެ ބިލެއް ކަމަށް މީކާއީލް ވަނީ ވިދާޅުވެފަ އެވެ.