މީގެ 14 އަހަރު ކުރިން، 2007 ހިސާބުން ފެށިގެން ރާއްޖޭގެ ސިޔާސީ ވަކި ފަރާތްތަކަކާ ހަވާލާދީ އިންޑިއާގައި އެންމެ ގަދަޔަށް ދެކެވުނު އެއް ވާހަކައަކީ ޗައިނާއަށް ދިވެހިރާއްޖޭގެ އެތައް ރަށެއް ވިއްކައިލި ވާހަކަ އެވެ. އެ ބުނާ ރަށެއް މީހެއްގެ ލޮލަށް ނުފެނުނު ކަމަށް ވިޔަސް މިއަދުގެ ދުނިޔޭގައި ޚިޔާލު ފާޅުކުރުމަށް އޮންނަ ފުޅާ މިނިވަންކަމެއްގެ ސަބަބުން އެ ކަމަކާ މީހަކު ނުބެހެ އެވެ.

ހުޅުލެއާއި މާލެއާ ދެމެދުގައި ބްރިޖެއް އަޅަން ޗައިނާއިން ވަރަށް ދީލަތި އެހީ ރާއްޖެއަށް ވީ ކަމީ ޝައްކެއް އޮތްކަމެއް ނޫނެވެ. އެ ބްރިޖުގެ ފައިދާ ދިވެހި ރައްޔިތުންނަށް ލިބެމުންދާތާ ދުވަސްތަކެއް ވެއްޖެ އެވެ. އެކަމާ ގުޅުވައިގެން ޗައިނާއިން ރާއްޖެ ދަރަނީގެ ދަންތުރައެއްގައި ޖައްސައިފިއޭ ކިޔައި ބަޔަކު ބޭނުން ގޮތަކަށް ވާހަކަ ދެއްކިއިރު ވެސް އެ ވާހަކަ ދެކެވެމުން ދިޔައީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ މިންގަނޑުތަކުގެ ތެރެއިންނެވެ.

ދިވެހިންނަށް ވަރަށް ހެޔޮއެދިގެން ހެލިކޮޕްޓަރުތަކެއް އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރިކަން އެއީ އެންމެނަށް ވެސް އެނގޭ ކަމެކެވެ. އިންޑިއާގެ ފައުޖީންގެ ކޮމާންޑުގެ ދަށުން ރާއްޖޭގައި ހަރަކާތްތެރިވާ އެ ހެލިކޮޕްޓަރުތަކާ ގާތްވުމުގެ ހުއްދަ ދިވެހިންނަކަށް ނޯވެ އެވެ. އެކަމަކު އެ ވާހަކަ ދައްކާކަށް ނުވާނެ އެވެ. ރާއްޖެއަށް ހެޔޮއެދޭ ދީލަތި އަވަށްޓެރި ގައުމަކާ އޮންނަ ބަދަހި ގުޅުމަށް ހީނަރުކަން އައިސްދާނެތީ އެވެ.

އިންޑިއާ ސިފައިން އެމްއެންޑީއެފްގެ ނަން ޖަހައިގެން ރާއްޖޭގައި ދުއްވާ ހެލިކޮޕްޓަރެއް. މި ހެލިކޮޕްޓަރާ ބެހޭ ގޮތުން އެމްއެންޑީއެފް އިން އާއްމުންނަށް ބޮޑެތި އޮޅުވާލުންތަކެއް އޮޅުވާލާފައި. ފޮޓޯ: އެމްއެންޑީއެފް

ރާއްޖޭގައި އިންޑިއާގެ ސިފައިން ހަތިޔާރާއެކު އެބަ ތިއްބެ އެވެ. ދިވެހިންނަށް ހެލިކޮޕްޓަރު ދުއްވަން ނޭނގޭތީ އެ އެއްޗެތި ދުއްވުމަށެވެ. މިދެންނެވި މިލިޓަރީންނަކީ އެ މީހުން ރާއްޖޭގައި ތިބުމަށް ވަކި ޚާއްސަ ހުއްދައެއް ދިވެހި ސަރުކާރުން ދީފައި ތިބޭ ބައެކެވެ. ރާއްޖޭގައި އެންމެ ފަހުން އޮތް ޔާމީނުގެ ސަރުކާރުގެ ފަހު އަހަރުގައި އިންޑިޔާ ސިފައިންގެ ވިސާ، އާކޮށް ނުދީ ހެލިކޮޕްޓަރު ގެންދަން އެންގި އެވެ. އެހެނަސް މިނިވަން މުސްތަގިއްލު ދިވެހި ސަރުކާރުގެ އެ ނިންމުމަށް ގޮންޖަހައި ހުއްދަ ނެތި ރާއްޖޭގައި އިންޑިއާ ސިފައިން އެތައް ދުވަހެއް ވަންދެން ތިއްބެވެ. އެ ހުއްދަ އެމީހުނަށް އާ ކޮށްދިނީ އިންޑިއާގެ އެހީތެރިކަމުގައި ވެރިކަމަށް އައި އިބްރާހިމް މުހައްމަދުގެ ސާލިހުގެ ސަރުކާރުންނެވެ. އެހެނަސް އެވާހަކަ ވެސް ދައްކާކަށް ނުވާނެ އެވެ. އަވައްޓެރި ގައުމެއްގެ ކަރާމާތަށް އަރައިގަނެވިދާނެތީ އެވެ.

އެހީގެ ނަމުގައި އިންޑިއާއިން އެތައް މިލިއަން ރުފިޔާގެ ބޮޑެތި ލޯނުތަކެއް މި ސަރުކާރަށް އެބަދެ އެވެ. އިންޑިއާގެ ދަރަނީގެ ދަންތުރައިގައި ރާއްޖެ ހަމަ އެކަނި ޖެހެނީކީ ނޫނެވެ. ދަރަނިތައް ބޮލުގައި އަޅުވަމުން ރާއްޖޭގެ އުތުރާއި ދެކުނާއި މެދު ތެރެއިން އެމީހުން ބޭނުންވާ ސްޓްރެޓެޖިކް ލޮކޭޝަންތަކެއް ހިފައި ނިންމައިފި އެވެ. ކޮންމެ ސަރުކާރެއް އަޔަސް ބޯދަމައި ނުގަނެވޭ ފެންވަރަށް އެ މީހުންގެ މަޅި ދިވެހި ރާއްޖެއަށް މަހާލައިފި އެވެ. އެހެނަސް އެވާހަކަ ދައްކާކަށް ނުވާނެ އެވެ. އިންޑިއާ ފަދަ އޯގާތެރި ގައުމެއް ނުރުހޭ ފަދަ ބަހެއް ބުނެވިދާނެތީ އެވެ.

ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އިންޑިއާ ސިފައިންގެ އިސް ބޭފުޅަކާއެކު

ރާއްޖޭގައި މިއަދު އޮތް ސަރުކާރު ދެކެ އިންޑިއާ ވަރަށް ލޯބިވެ އެވެ.

ރައީސް ސޯލިހުގެ ފަސް އަހަރުގެ ވެރިކަން ނިމެން ކައިރިވެފައި ވާއިރު ދެވަނަ ދައުރަކަށް ވެރިކަމަށް އައުމަށް އެމަނިކުފާނު ބޭނުން ކުރައްވަން އޮތް ހަމަ އެކަނި ހަތިޔާރު ކަމަށްވާ، ވެވަޑައިގެންނެވި ވައުދު ފުއްދެވުމުގެ ބައި ކުރިޔަށް ގެންގޮސްދެނީ އިންޑިއާ އިންނެވެ.

އެ އެޖެންޑާގެ ދަށުން ހިންގާ ހުރިހާ މަޝްރޫއެއް ހިންގުމުގައި އިސް ދައުރެއް އަދާ ކުރާތަން ފެންނަނީ ރާއްޖޭގައި ހުންނަވާ އިންޑިއާގެ ހައިކޮމިޝަނަރެވެ. މަޝްރޫއުތައް އިއުލާންކުރުމާ ބިޑްކުރުމާ ރާވާ ހިންގުންފަދަ ހުރިހާ ކަމެއް ކުރާތީ ފެންނަނީ އިންޑިއާ ހައިކޮމިޝަނުންނެވެ. އެކަންތަކާ ބެހޭ ޚަބަރުތައް ދިވެހިންނަށް އެނގެނީ އިންޑިއާގެ "ދަ ހިންދޫ" އިންނެވެ. އެކަމަކު އެ ވާހަކަ ވެސް ދައްކާކަށް ނުވާނެ އެވެ. އިންޑިޔާ ނުރުހިއްޖެނަމަ ކަންތައް ވެދާނެ ގޮތެއް ވެސް ނޭނގޭތީ އެވެ.

އިންޑިއާއަށް ވިއްކި ބޮންޑުގެ ރަމްޒީ ޗެކާ ދިވެހި ސަރުކާރުން ހަވާލުވަނީ. ފޮޓޯ: ފޮރިން މިނިސްޓްރީ

ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން ނުލިބި ދިވެހި ނޫސްވެރިން ކަރުތާފެނުގައި ފަތަފަތާ ތިބިއްބާ އެމީހުން މިނިވަން އަމާން އައްސޭރިއަކަށް ގެންގޮސް ދެއްވިކަމަށް ވަނީ ރައީސް ސާލިހެވެ. އެ މަނިކުފާނުގެ ބަސްމަދު ދޫފުޅުން ދިވެހި ނޫސްވެރިންނަށް ބޭނުންވާހަކައެއް ލިޔެ ޚިޔާލުފާޅު ކުރުމަށް ހިތްވަރު ވެސް ދެއްވި އެވެ.

އެހެން ކަމުން ދިވެހި ނޫސްވެރިން އެ މީހުންގެ ތަނަވަސް ގަލަން ހިންގާލުމުގައި އިންޑިއާއެއް އެމެރިކާއެއް އިނގިރޭސިވިލާތެއް ތަފާތެއް ނުކުރި އެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ދިވެހި ނޫސްވެރިން އިންޑިއާ އާ "ބެހުން" ހުއްޓުވަން އިންޑިއަން ހައިކޮމިޝަނުން ދިވެހި ސަރުކާރަށް އަންގައިފި އެވެ.

ލަހެއް ނުވެ ސަރުކާރުގެ އެކިއެކި މުއައްސަސާތަކުންނާއި ސިޔާސީ އެކިއެކި ބާރުވެރިންނާއި އެއްކަލަ ނޫސްވެރިންނަށް ޚުޝާމަދު ކުރެއްވި ރައީސް ވެސް ހިމެނި ވަޑައިގަންނަވާހެން ހައިކޮމިޝަނުގެ އެ އަމުރަށް ކުޑަކަކޫ ޖަހައި ދިވެހި ނޫސްތަކަށް އިންޒާރު ދޭން ފެށި އެވެ.

އެއަޑު ދިވެހި ނޫސްވެރިން އަހައިފި އެވެ. އަހައި ކިޔަމަން ވެސްވެއްޖެ އެވެ. މިހާރަކު ދިވެހި ނޫސްތަކުގައި އިންޑިއާގެ ވާހަކައެއް ނުދައްކަ އެވެ. ދައްކާކަށް ނުވެސް ވާނެ އެވެ. އިންޑިއާ ފަދަ ދިވެހިންނަށް އޯގާތެރި ހެޔޮއެދޭ ގައުމަކުން ކޮންމެ ފަދަކަމެއް ކުރިޔަސް އެ ކުރަނީ ގޯސްކަމެކޭ ހިތާކަށް ނުވާނެ އެވެ. އަމުދުން ބަދު ބަހެއް ބުނާކަށް ނުވާނެ އެވެ.