ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި ތަރައްގީކުރި ހިޔާ ފްލެޓްތަކުގެ ކުލި ކުޑަކުރުމަށް ސަރުކާރަށް އެމްޑީޕީ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ގޮވާލައްވައިފި އެވެ.

ހިޔާ ފުލެޓް ލިބުނު ފަރާތްތަކުން ވެސް ކުލި ކުޑަކުރުމަށް ސަރުކާރުގައި އެދުމަށް ވަނީ އިޖާބަ ނުދީފަ އެވެ. އަދި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލުކުރައްވައި ހިޔާ ފްލެޓްގެ ކުލި ކުޑަކުރުމަށް އެދިވަޑައިގަތެވެ. އަދި ހައުސިން މިނިސްޓަރު އަސްލަމާއި އެޗްޑީސީއާއެކު ބޭއްވި ބަދަލުވުމުގައި ވެސް ކުލި ކުޑަކުރުމަށް ވަނީ މަޝްވަރާ ކުރައްވާފަ އެވެ.

ހިޔާ ޔޫނިއަންގެ ފަރާތުން ވެސް ހިޔާ ފްލެޓްގެ ކުލި ކުޑަ ކުރުމަށް އެދި ކަމާބެހޭ އިދާރާތަކަށް ޕެޓިޝަނެއް ވަނީ ލާފަ އެވެ. މިހާތަނަށް އައިރުވެސް އެކަމަށް ހައްލެއް ލިބިފައެއް ނުވެ އެވެ.

ހިޔާ ފްލެޓްގެ ކުލި ކުޑަކުރުމަށް ސަރުކާރަށް ގޮވާލައްވާ އެމްޑީޕީގެ މެމްބަރު އާޒިމް ވިދާޅުވީ ފްލެޓްތަކަށް ވަންނަ މީހާގެ އާމްދަނީއަކީ 5،000 ރުފިޔާއަށްވާއިރު، 8،500 ރުފިޔާ މަހަކު ދައްކާނެ ގޮތެއް ނުވިސްނޭ ކަމަށެވެ. މިގޮތަށް ސަރުކާރުން މިކަން ކުރުމުން ގިނަ ވާނީ ކުލި ނުދެއްކޭ މީހުން ކަމަށް އާޒިމް ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ހިންގެވި ހިޔާ މަޝްރޫޢުގެ ދަށުން ބިނާކޮށްފައިވާ 7،000 ހައުސިން ޔުނިޓުގެ ކުލި މި ސަރުކާރުންވަނީ 8،000 ރުފިޔާއަށް ބޮޑުކޮށްފަ އެވެ. އެއީ ރައީސް ޔާމީންގެ ވެރިކަމުގައި 5،600 ރުފިޔާގެ ކުއްޔަކަށް އެތަންތަން ދިނުމަށް ނިންމާފައި ވަނިކޮށެވެ.

ކުލި ބޮޑުކުރުމަށްފަހު މި ސަރުކާރުން ބުނެފައިވަނީ ހިޔާ މަޝްރޫއުގައި ބިނާކުރި ފުލެޓުތަކުގެ ހިސާބު ކުރީ ސަރުކާރުން ހަދާފައިވަނީ މުޅިން ގޯސްކޮށް ކަމަށެވެ. އެހެންނަމަވެސް މާލެ ސިޓީގެ މޭޔަރު ވަނީ ވަނީ ސަރުކާރުގެ އެ ވާހަކަތަކަށް ރައްދުދެއްވާފަ އެވެ.