ވިކީ ކޯޝަލްގެ ތަފާތު އެކި ފިލްމުތައް ކުރިއަށް އެބަހުއްޓެވެ. އޭގެ ތެރޭގައި ދުނިޔޭގެ ރީތީގެ ރާނީކަމުގެ ލަގަބު ހޯދު މަނޫޝީ ޗިއްލާރް އާއި އެލު ކުޅޭ ޔަޝްރާޖް ފިލްމްސް އިން އުފައްދާ ކޮމެޑީ ފިލްމެއްވެސް ހިމެނެ އެވެ. ދެން އޭނާ ފެނިގެންދާނެ ބޮޑު ފިލްމަކީ އަދިތްޔާ ދަރްގެ ފިލްމެކެވެ. މިއީ އުރީ: ދަ ސާޖިކަލް ސްޓްރައިކްގެ ކާމިޔާބީއަށް ފަހު އެ ދެމީހުން އެކީގައި މަސައްކަތް ކުރާ ފުރަތަމަ ޕްރޮޖެކްޓެވެ. މި ފިލްމުގައި ވިކީ ކުޅޭނީ ހިޔާލީ ކެރެކްޓާއެއް ކަމަށްވާ އަޝްވަތައްމާގެ ރޯލެވެ.

މީޑިއާތަކަށް މައުލޫމާތު ދެމުން އަދިތްޔާ ބުނެފައިވާ ގޮތުގައި މި ފިލްމު ސްކްރީންތަކަށް އަންނާނީ މިއަންނަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގަ އެވެ. އަދި ތިން ބަޔަކަށް ބަހާލެވިފައިވާ މި ސުޕަހީރޯ ފިލްމަށް ވިކީ ވަރަށް ބޮޑަށް ޓްރެއިނިން ނަގަން ޖެހޭނެ ކަމަށާއި ބަރުދަން 100ކިލޯ އަށް އިތުރުކުރަން ޖެހޭނެ ކަމަށް އަދިތްޔާ ބުންޏެވެ. މީގެ އިތުރުން ވެސް އަސް ދުއްވަން ދަސްކުރުމާއި ޖުޖިޓްސޫ އައި ކްރަވް މަގާ ފަދަ މާޝަލް އާޓްސްވެސް ދަސްކުރާނެ އެވެ.

މި ޕްރޮޖެކްޓާއި ބެހޭގޮތުން ވާހަކަ ދައްކަމުން އަދިތްޔާ އިތުރަށް ބުނި ގޮތުުގައި މި ފިލްމު ޝޫޓުކުރަން ފަށާނީ ޔޫރަޕުގައި ކަމަށާއި އެންމެ ފުރަތަމަ ޔޫކޭގައި ބައެއް މަންޒަރުތައް ނެގުމަށް ފަހު އައިސްލޭންޑަށް ދާނެ އެވެ. ފިލްމުގެ ފަހު ބައިތައް މުމްބާއީގައި ނަގަން ހަމަޖެހިފައިވާ އިރު މި މަންޒިލްތަކުގައި ކޮވިޑް-19 ގެ ހާލަތު އޮތް ގޮތުން ތާވަލަށް ބަދަލުގެންނަން ޖެހިދާނެ ކަމަށް އޭނާ ބުންޏެވެ.

މި ފިލްމުގެ ލީޑް ރޯލުން ފެނިގެންދާނެ އަންހެން ބަތަލާގެ ނަން މިހާތަނަށް ހާމަކޮށްފައިނުވާ އިރު އެއީ ކާކުތޯ ބެލުމަށް މީހުން ތިބީ ކެތްމަދުވެފަ އެވެ.