ސޮނީ އެންޓަޓެއިންމަންޓުން ދައްކާ އަމީތާބް ބައްޗަންގެ ޝޯ އެއް ކަމަށްވާ "ކޯން ބަނޭގާ ކަރޯޑްޕަތީ"ގެ 13 ވަނަ ސީޒަން އަންނަ އޮގަސްޓު މަހު ފަށަން ހަމަޖެހިފައިވާކަން އިންޑިއާގެ ނޫސްތަކުން ބުނެފި އެވެ.

އެގޮތުން "ކޯން ބަނޭގާ ކަރޯޑްޕަތީ" ގެ 13 ވަނަ ސީޒަން ފަށަން ހަމަޖެހިފައި ވަނީ އޮގަސްޓް 23 ވަނަ ދުވަހު ކަމަށްވެ އެވެ.

"ކޯން ބަނޭގާ ކަރޯޑްޕަތީ" އަކީ ގޭމް ޝޯ އެކެވެ. މިޝޯގައިކުރާ ސުވާލުތަކަށް ރަނގަޅު ޖަވާބުދީގެން ފައިސާގެ އިނާމު ހޯދުމުގެ ފުރުސަތު ލިބިގެންދެ އެވެ.

މި ޝޯއަކީ 2000 ވަނަ އަހަރުން ފެށިގެން ސޮނީ އެންޓަޓެއިންމަންޓުން ދައްކަމުން އަންނަ ޝޯއެކެވެ. މި ޝޯގެ ޖުމުލަ 12 ސީޒަނެއް މިހާތަނަށް ވަނީ ބެލުންތެރިންނާ ހަމައަށް ގެނެސްދީފަ އެވެ.

"ކޯން ބަނޭގާ ކަރޯޑްޕަތީ" ގެ 12 ސީޒަނަށް ގެނެސްދީފައިވާއިރު ތިން ވަނަ ސީޒަން ހޯސްޓު ކޮށްދީފައި ވަނީ ޝާހްރުކް ޚާން އެވެ. އަދި ހަމަ މިއާއެކު ތިން ވަނަ ސީޒަންގެ ޓީއާރްޕީ ވެސް ބޮޑު ތަނުން ދަށަށް ދިޔަކަމަށް ބުނެވެ އެވެ. އެންމެ ފަހުން ނިމިގެންދިޔަ ސީޒަން 12 ގެ އެއްވަނައަށް ގޮސްފައިވަނީ ނާޒިއާ ނާސިމް ކިޔާ މީހަކެވެ.

އޭނާ އަށް ވަނީ އިނާމުގެ ގޮތުގައި އެއް ކުރޯރް އިންޑިއަން ރުޕީސް ދީފަ އެވެ. އެ ސީޒަންގެ އެންމެ ފަހު އެޕިސޯޑް ދައްކާފައި ވަނީ މި އަހަރުގެ ޖެނުއަރީ 22 ވަނަ ދުވަހު އެވެ.