ކޮވިޑް -19 ޖެހިފައިވާ މީހުންނާ ކޮންޓެކްޓްވެފައިވާ މީހުންގެ މެދުގައި ބަލި ފެތުރުން ކޮށްޓްރޯލްކުރަން އެސްޓްރަޒެނެކާއިން ތަރައްގީކުރި އެންޓި ބޮޑީ ބޭހުގެ އެންމެ ފަހުގެ ޓެސްޓްތައް ނާކާމިޔާބު ވެފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

މި ދިރާސާ ތަކާއި ޓެސްޓްތަކުގައި ބަލާފައި ވަނީ ދެ ވައްތަރެއްގެ އެންޓި ބޮޑީ ބޭނުންކޮށްގެން ކޮވިޑް-19އަށް ހުށަހެޅިފައިވާ މީހުންނަށް ބަލި ޖެހުމުގެ ފުރުސަތު އޮންނަނީ ކިހާވަރަކަށް ކަމެވެ.

އެންޓި ބޮޑީ ބޭސްފަރުވާގެ ނަތީޖާތަކުން ދައްކާ ގޮތުގައި އެ ބޭސް މަސައްކަތް ކޮށްފައި ވަނީ އެންމެ 33 ޕަސެންޓަށެވެ. މި ޓެސްޓްތައް ކުރިއަށް ގެންގޮސްފައިވަނީ ކުރިން ކޮވިޑް 19 ޖެހިފައި ނުވާ 1،121 މީހެއްގެ މެދުގަ އެވެ.

މި ނަތީޖާތަކަކީ އެސްޓްރަޒެނެކާއިން އެންމެ ބޭނުންވި ނަތީޖާ ނޫން ކަމުގައި ވިޔަސް އެ ނަތީޖާތަކުން ކުރިއަށް ދާންވީ މަގެއް ފެނިފައިވާ ކަމަށާއި އުއްމީދީ ކުރިމަގެއް އެބަ އޮތް ކަމަށް އެ ކުންފުނިން ބުނެ އެވެ.

އެ ގޮތުން އެންޓި ބޮޑީ ފަރުވާ އާއި ބެހޭގޮތުން އިތުރު ދިރާސާތައް ކުރަން ތައްޔާރު ވަމުންދާއިރު މި ވަގުތުވެސް ތަފާތު ފަސް ޓްރަޔަލް ޓެސްޓްތަކެއް ކުރިއަށްދާ ކަމަށް އެކުންފުނިން ބުންޏެވެ.

އެސްޓްރާޒެނެކާގެ އެންޓި ބޮޑީ ދިރާސާތަކުގެ މި ނަތީޖާއަކީ ބޭސް އުފައްދާ ކުންފުނިތަކުން ކޮވިޑަށް ފަރުވާއެއް ހޯދުމަށް ކުރަމުން އަންނަ މަސައްކަތް ތަކަށް ކުރިމަތިވި ގޮންޖެހުމެއް ކަމަށް އެ ދާއިރާގެ އޮފިޝަލުން ބުނެ އެވެ. -- ރޮއިޓާސް