މައްކާ (19 ޖުލައި) - މި އަހަރުގެ އަރަފާތު ދުވަހާއި އަޟްހާ އީދު ދުވަހާ ގުޅިގެން މާތްވެގެންވާ ކައުބާގެ އުރަކޮޅު ނުވަތަ ކިސްވާ ބަދަލުކޮށްފި އެވެ.
ކައުބާގެ ކިސްވާ ބަދަލު ކުރުމަކީ އަހަރަކު އެއްފަހަރު ހައްޖުގެ އަޅުކަމުގެ ދެވަނަ އަށްވާ އަރަފާތު ދުވަހު ދެ ހަރަމާ ބެހޭ އިދާރާތަކުން ކުރަމުން އަންނަ ކަމެކެވެ.
ކިސްވާއަކީ އިސްލާމުންގެ ގިބްލަ ކަމަށްވާ ކައުބާގެ ވަށައިގެން ލެވޭ އުރަކޮޅެކެވެ. ކައުބާއަކީ މުސްލިމުންނަށް މުހިއްމު ބިނާއަކަށް ވީއިރު އެ ބިނާ ބެލެހެއްޓުމަށްޓަކައި ސައޫދީގެ އިދާރާތަކުން ގިނަ މަސައްކަތްތަކެއް ކުރެ އެވެ.
އެގޮތުން ކައުބާގެ ކިސްވާ ބަދަލު ކުރުމަކީ އިސްލާމްދީނުގެ ޚަލީފާއިންގެ ޒަމާނުއްސުރެ ވެސް ކުރެވެމުން އައިކަމެކެވެ. އެންމެ ފުރަތަމަ ކައުބާގައި އުރަކޮޅެއް ލެއްވުނީ ހަތަރުވަނަ ގަރުނުގައި ރަސްކަން ކުރެއްވި ޔަމަނުގެ ރަސްކަލެއް ކަމަށްވާ ތުއްބާގެ އަމުރުފުޅުގެ ދަށުން ޖުރްހަމް ވަންހައިގެ މީހުންނެވެ.
ދެ ހަރަމާ ބެހޭ އިދާރާގެ ނާއިބު ޑރ. ސާދު ބިން މުހައްމަދު އަލް މުހައިމީދު ވިދާޅުވި ގޮތުގައި ކައުބާގެ ކިސްވާ ތައްޔާރު ކުރުމަށްޓަކައި 670 ކިލޯގެ ފަށުވި ފޭރާމުގެ އިތުރުން 100 ކިލޯ ޚާލިސް ރަން އަދި ރިހީގެ ރޮދި ބޭނުން ކުރެވެ އެވެ.
ކިސްވާގެ ފަސް ބައެއް އެކުލެވޭއިރު ހަަތަރު ބަޔަކީ ކައުބާގެ ހަތަރު ފާރު ނިވާ ކޮށްދޭ ބައިތަކެވެ. އަދި ފަސްވަނަ ބަޔަކީ ގެކޮޅުގެ ދޮރުފޮތިކޮޅެވެ. ކޮންމެ ބައެއްގެ އުސްމިނުގައި 14 މީޓަރު ހުންނައިރު ފުޅާ މިނުގައި 40 އިންޗި ހުރެ އެވެ. އަދި ކައުބާ ވަށައިގެން ޚާލިސް ރަނުން ގުރުއާނުގެ އާޔަތްތައް ވިޔެވިފައިވެ އެވެ.
ސައޫދީ އަރަބިއާގައި ކިސްވާ ތައްޔާރު ކުރުމަށް ކާރުޚާނާއެއް އުފެއްދުމުގެ ކުރިން ކިސްވާ ތައްޔާރު ކުރެވުނީ މިސްރުގަ އެވެ. އަދި ކޮންމެ އަހަރެއްގެ ވެސް ހައްޖު މޫސުމާ ދިމާކޮށް ކިސްވާ މައްކާއަށް ފޮނުވުނީ ހާއްސަ ރަސްމިއްޔާތެއްގައި މިސްރުގެ ވަފްދަކާއެކު އެވެ.
ކިސްވާ ބަދަލު ކުރުމަށްޓަކައި އާ ކިސްވާ ގެކޮޅު ވަށައިގެން ހަރުކުރުމަށް ފަހު ކުރިން ލައްވާފައިވާ ކިސްވާ ނަގަ އެވެ. މިކަމުގައި ހަރަކާތްތެރި ވަނީ ދެ ހަރަމާ ބެހީ އިދާރާގެ އޮފިޝަލުންނާއި މަސްޖިދުލް ހަރާމްގެ މުވައްޒަފުންނެވެ.
ސައޫދީގެ އިދާރާތަކުން ބުނިގޮތުގައި މިއަހަރު ކައުބާގެ ކިސްވާ ތައްޔާރު ކުރުމުގައި 200 އަށްވުރެ ގިނަ މުވައްޒަފުން ބައިވެރިވެފައިވެ އެވެ. -- އަލް އަރަބިއްޔާ