އަޟްޙާ އީދު ފާހަގަ ކުރަމުންދާއިރު އާއިލީ ގުޅުންތައް ބަދަހިކުރުމަށާއި، ރަޙްމަތްތެރިކަމާ އެކުވެރިކަމުގެ ގުޅުންތައް އާލާކޮށް ދެމެހެއްޓުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގޮވާލައްވައިފި އެވެ.

ދިވެހި ރައްޔިތުންނަށް އަޟްޙާ އީދުގެ ތަހުނިޔާ ވިދާޅުވެ އާންމުކުރެއްވި ޚިތާބުގައި ރައީސް ސޯލިހު ވިދާޅުވީ އީދުގެ އުފާ ފާޅުކުރާއިރު ގައުމީ ފެންވަރުގައި ވިސްނުން ހިންގަން ޖެހިފައިވަނީ ބައިބައިވުމާއި ދެކޮޅުވެރިކަމުގެ އެންމެހައި ވިސްނުންތައް އެއްފަރާތްކޮށް ގުޅިގެން މަސައްކަތްކުރުމަށް ކަމަށެވެ. އަދި ގައުމީ ފެންވަރެއްގައި މި އީދުގައި އެންމެ ބޮޑު އިސްކަމެއް ދޭންޖެހެނީ ގައުމުގެ އެއްބައިވަންތަކަން އާލާކޮށް ސުލްޙަ މަސަލަސްކަން ދެމެހެއްޓުމަށް ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވި ގޮތުގައި އީދުގެ ހަރަކާތްތަކުން ދިވެހިންގެ މެދުގައި އޮންނަންޖެހޭ އެއްބައިވަންތަކާއި އެ އެއްބައިވަންތަކަން ރަމްޒުކޮށްދޭ ކަމަށެވެ.

"ކޮވިޑްގެ ހިތި ތަޖުރިބާތައް ދިވެހިންގެ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް ގެނުވާފައިވާ މި ދަނޑިވަޅުގައި، އެންމެ މުހިންމު އިސްކަމެއް ދޭންޖެހިފައިވަނީ، ޢާއިލީ ގުޅުންތައް ބަދަހިކުރުމަށާއި، ރަޙްމަތްތެރިކަމާއި އެކުވެރިކަމުގެ ގުޅުންތައް އާލާކޮށް ދެމެހެއްޓުމަށްކަމުގަ. އަދި އިސްލާމް ދީނުގައި ކަނޑައަޅާފައިވާ ދެ ޢީދަކީވެސް، މުސްލިމުންގެ މެދުގައިވާ އެކުވެރިކަމާއި އެއްބަނޑުއެއްބަފާކަމުގެ ގުޅުން އިތުރަށް ބަދަހިކޮށް، ހިތްހެޔޮކަމާއެކު އެކަކު އަނެކަކާ ބައްދަލުކޮށް، ޙާލު އަހުވާލު އޮޅުންފިލުވައި އުޅުމަށް ޚާއްޞަ ދެ މުނާސަބަތު،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ކޮންމެ މީހަކުވެސް މިއަދު އަވަސްވެގަންނަންވީ، ގާތްތިމާގެ މީހުންނަށާއި އެކުވެރި ރަޙްމަތްތެރިންނަށާއި އެންމެހައި މުސްލިމުންނަށް، ޢީދުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުވުމަށް،" ރައީސް ސޯލިހު ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ މިހާރު ކުރިމަތިވެފައިވާ ކޮވިޑްގެ ހާލަތު އަރައިގެނެވޭނީ ވެސް އެއްބައިވަންތަކަން ގާއިމުކޮށް އެކުވެރިކަން ދަމަހައްޓައިގެން ކަމަށެވެ. އަދި ހައްޖުގެ އަޅުމާއި އަޟްހާ އީދުގެ އުފާވެރިކަމުގެ މެދުގައި މަތިވެރި ގުޅުމުން އިބުރަތް ހާސިލުކުރަން ރައީސް އިލްތިމާސްކުރެއްވި އެވެ. އަދި ހުރިހާ ރައްޔިތުން ގުޅިގެން ގައުމާއިގެން ކުރިއަށްދިއުމަށް އަޒުމު އައުކުރުމަށް ރައީސް ދިވެހިން ކިބައިން އެދިވަޑައިގެންނެވި އެވެ.