ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ހަތަރު މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ އެ މައްސަލާގައި ދައުވާ ކުރުމާ މެދު 15 ދުވަސް ތެރޭގައި ގޮތެއް ނިންމުމަށް ގާނޫނު ލާޒިމްކުރާ ކަމަށެވެ. އަދި އެ މައްސަލައިގެ އިތުރު މައުލޫމާތު ދިނުމަށް ފުލުހުންނާއި ޕީޖީ އޮފީސް ގުޅިގެން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާނެ ކަމަށް ވެސް ޝަމީމް ވިދާޅުވިއެވެ.

އެ މައްސަލާގައި ދައުވާ ކުރަން ފޮނުވި މީހުންނަކީ ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދާއި މއ. ފޭރުގެ، މުޖާޒް އަހްމަދާއި ގއ. ގޮނޑޭ، ފޮޅޭމާ، ތަހުމީން އަހްމަދާއި ލ. ގަން، ދުންފިނިއުފާ، އަހްމަދު ފާތިހެވެ.

ނަޝީދަށް ހަމަލާދިނުމުގައި އަމަލީގޮތުން ބައިވެރިވެފައި ވަނީ އަދުހަމެވެ. ފުލުހުން ވަނީ އޭނާ ބޮން ގޮއްވާލާ މަންޒަރު ފެންނަ ވީޑިއޯ ވެސް އާންމުކޮށްފަ އެވެ.

ނަޝީދަށް ހަމަލާދޭން ބޭނުންކުރި ބޮން ހަރުކޮށްފައިވަނީ ސައިކަލެއްގަ އެވެ. ހައްޔަރުކުރި މީހުންގެ ތެރެއިން ތަހުމީނަކީ އެ ސައިކަލްގެ ވެރިފަރާތެވެ.

އެކަމަށް ފަންޑު ކުރި މީހުން އަދި ހޯދިފައެއްނުވެ އެވެ. އެކަމާ ގުޅިގެން ނަޝީދު އަންނަނީ ސަރުކާރަށް ފާޑުވިދާޅުވަމުންނެވެ.