އަލީ ފަޒަލް އާއި ރިޗާ ޗައްޑާ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ދުވަސްތަކެއް ވަނީ ވެފަ އެވެ.

މި ދެތަރިން އަންނަނީ ކައިވެންޏަށް ވެސް ތައްޔާރުވަމުންނެވެ. ނަމަވެސް ކައިވެނިނުކޮށް މަޑު ޖައްސާލައިފައި ވަނީ މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑްގެ ސަބަބުން ސިއްހީ ސަލާމަތްތެރިކަމަށް އިސްކަންދިނުމުގެ ގޮތުންނެވެ.

ދާދި ފަހުން އިންޑިޔާގެ މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ފަޒަލް ވަނީ އޭނާ ރިޗާއަށް ޕްރޮޕޯސްކުރި ގޮތުގެ ވާހަކަ ހިއްސާކޮށްފަ އެވެ. އެގޮތުން ފަޒަލް ބުނެފައިވަނީ އޭނާ ބޭނުންވީ ވަރަށް ތަފާތު ގޮތަކަށް ޕްރޮޕޯސް ކުރުމަށް ކަމަށެވެ. އެގޮތުން ތިން ދުވަހުގެ އޮފެއް ލިބުމުން އެ ދެ މީހުން ރާއްޖެ އައި ކަމަށާއި ފަޒަލް ނިންމައިގެން ހުރީ ރާއްޖެ އިން އެނބުރި ގޮސް ހެލިކޮޕްޓަރެއްގައި ވައިގެ ތެރޭގައި ރިޗާއަށް ކައިވެނި ހުށަހެޅުމަށެވެ.

ނަމަވެސް ރާއްޖެ އައިސް ރިޗާގެ އުފަން ދުވަހުގެ މުނާސަބާގައި އޭނާއަށް ހާއްސަކޮށް ސަޕްރައިޒެއްގެ ގޮތުގައި ރޭގަނޑުގެ ކެއުމެއް ފަޒަލް ދިނެވެ. އެގޮތުން އެ ކެއުން ރާވާފައި އޮތީ ކަނޑުމަތީގަ އެވެ. އެރޭ ރިޗާ އާއެކު އެ ކެއުމުގެ ތެރޭގައި ބައިވެރިވެ އުޅެނިކޮށް ހަމަ ކުއްލިއަކަށް ރިޗާއަށް ޕްރޮޕޯސްކުރަން ހިތަށްއެރި ކަމަށާއި އެހެންވެ ހަމަ އެވަގުތު އޭނާ ރިޗާއަށް ޕްރޮޕޯސްކުރީ ކަމަށް ފަޒަލް ވަނީ ބުނެފަ އެވެ.

ފަޒަލް އިތުރަށް ބުނެފައިވާ ގޮތުގައި ދުވަހަކު ވެސް އެކަހަލަ ގޮތަކަށް ޕްރޮޕޯސްކުރާނެ ކަމަށް އޭނާ ހިތަށް ނާރާ ކަމަށާއި އޭނާގެ ރަހްމަތްތެރިން ކައިރީ ވެސް އެކަހަލަ ކަންކަން އެގޮތަށް ވާނީ ފިލްމުތަކުގައި ކަމަށް ބުނެ އޭނާ އަކީ އެކަހަލަ ކަންކަމުގައި މަލާމާތްކޮށް ހެދި މީހެއް ކަމަށް ބުނެފައިވެ އެވެ.